އެފްއޭކަޕް: ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ ފައިނަލަށް

އެފްއޭ ކަޕްގައި މާޒިޔާއާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗަށްފަހު މާޒިޔާއިން އުފާފާޅުކުރަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ކުލަބް ގްރީން ސްޓްރީޓްސް ބަލިކޮށް އެފްއޭއެމް އެފްއޭ ކަޕްގެ ފައިނަލަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ދަތުރުކޮށްފިއެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެފްއޭ ކަޕްގެ ސެމީ ފައިނަލް މެޗު މާޒިޔާއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. ނަމަވެސް ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މާޒިޔާއިންނެވެ.

އެގޮތުން މެޗުގެ ފުރަތަަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވުމާ ގުޅިގެން އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓު ހަމަވާން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް މާޒިޔާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ.

އެ ގޯލަކީ މާޒިޔާގެ ހަމްޒާ މުހައްމަދު ބޮލުން އަކްރަމް އަބްދުލް ޣަނީއަށް ޖައްސާލި ބޯޅަ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ އޭނާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖަހާފައިވާ ގޯލެކެވެ.

އެފްއޭ ކަޕްގައި މާޒިޔާއާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އެ ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނުނަމަވެސް މެޗުގެ 66 ވަނަ މިނެޓުގައި ގްރީންއަށް ލިބުނު ހިލޭ ޖެހުމަކުން ރިލްވާން ވަހީދު ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އެ ނަތީޖާއާއެކު މެޗުގެ ނަތީޖާ ހަމަހަމަ ވެގެން ނިމުމުން އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ކުޅުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓު ތެރޭގައި މާޒިޔާއިން ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފައެވެ. އެ ގޯލަކީ އަސަދުﷲ އަބްދުﷲ ތަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެން ހަމްޒާ ޖެހި ގޯލެކެވެ.

އެފްއޭ ކަޕްގައި މާޒިޔާއާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗަށްފަހު މާޒިޔާއިން އުފާފާޅުކުރަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އިތުރު ވަގުތުތުގެ ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި އަސަދުﷲގެ އެހީތެރިކަމާއެކު މާޒިޔާގެ ތިންވަނަ ގޯލު ކާމިޔާބު ކޮށްފައިވަނީ މޫސާ ޔާމީންއެވެ.

ސެމީ ފައިނަލް މެޗުން މާޒިޔާ މޮޅުވުމާއެކު އެ ޓީމު ވަނީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ. އެ ޓީމާ ދެކޮޅަށް ފައިނަލުގައި ކުޅޭނީ މިރޭ ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބު ބައްދަލުކުރާ ސެމީގެ ދެވަނަ މެޗުން މޮޅުވާ ޓީމެކެވެ. އެ މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެ ރޭގަނޑު 9:00ގައެވެ.

comment ކޮމެންޓް