ފާހިޝް މަންޒަރުތައް ދައުރުކުރާ މީހުންނާމެދު ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް ހަދަން ޖެހޭ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ފާހިޝް އަމަލުތައް ހިންގާ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް ހެދުން މުހިއްމު ކަމަށް ހޯމް މިނިސްޓަރު އިބްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފަހަކަށް އައިސް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ގިނަ ވިޑިއޯތަކެއް ވަނީ ލީކުކޮށްލާފައެވެ.

އެ ކަމަށް އަމާޒުކޮށް މިނިސްޓަރު އިމްރާނު ރޭ ދަންވަރު ކުރެއްވި ޓުވީޓެއްގައި ވަނީ ހުތުރުކަން ބޮޑު ފާހިޝް އަމަލުތަކުގެ މަންޒަރުތައް އޮންލައިން މީޑިއާތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ފަތުރާ ފަރާާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް ވީ އެންމެ އަވަހަކަށް އެކުލަވާލަން ޖެހޭ ކަމަށެވެ.

"އެފަދަ ގާނޫނީ އޮނިގަނޑެއް ވުޖޫދު ނުކުރެވިއްޖެ ނަމަ ރާއްޖޭގެ އިޖުތިމާއީ އަޚުލާގިއްޔަތު އެއްކޮށް ފުނޑުފުނޑުވެގެން ހިނގައިދާނެ،" އޭނާގެ ޓުވީޓުގައިވެއެވެ.

މިނިސްޓަރު އެހެން ވިދާޅުވިއިރު އެފަދަ މަންޒަރުތައް ހިމެނޭ ތަކެތި ގެންގުޅުމާއި ފެތުރުމަކީ މިހާރު ވެސް ކުށެކެވެ. އެގޮތުން އޮރިޔާން ކާޑުގެ ތެރޭގައި ހިމެނޭތަކެތި ގެންގުޅެ ފަތުރާނަމަ ޖޫރިމަނާ އާއި ޖަލު ހުކުމް އިއްވޭނެ ކަމަށް މިހާރުގެ ގާނޫނު އުގޫބާތުގައި ވެސް ބުނެއެވެ.

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ނުފަތުރަން ގިނަ ދީނީ އިލްމުވެރިންނާއި އާއްމު ފަރާތްތަކުންވެސް ވަނީ ގޮވާލާފައެވެ.

އެގޮތުން ދީނީ އިލްމުވެރިޔާ ޝަފީއު އަބްދުﷲ ވަނީ ލިވާތުކުރުން ފަދަ ހަޑިމުޑުދާރު ފާހިޝް އަމަލުތަކާއި ޖަރީމާތަކާ ބެހޭގޮތުން މަޖަލަކަށް ހަދައިގެން ވާހަކަ ނުދެއްކުމަށް ގޮވާލައްވާފައެވެ.

އޭނާ ވިދާޅުވީ ދީނީ އަދުއްވުން ބޭނުންވާ ގޮތަކީވެސް އެއީ ކަމަށާއި އެހެންކަމުން އެފަދަ ފާހިޝް އަމަލުތަކާއި ހަޑިމުޑުދާރު އަމަލުތައް ފެންނަ ވީޑިއޯތައް ފެތުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

ހަމައެއާއެކު ދީނީ އިލްމުވެރިންނާއެކު ދީނީ އެކި ކަންކަމަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރާ އަލީ ރަމީޒް ވަނީ އެފަދަ ވީޑިއޯތައް އާންމުކުރުމުން ފަޟީހަތްވަނީ ހަމައެކަނި އެ ވީޑިއޯގައި ހިމެނޭ މީހުން އެކަނި ނޫންކަމަށް ބުނެ ޓުވީޓެއް ކޮށްފައެވެ.

އޭނާ ބުނީ އެ ވީޑިއޯތަކުގެ ސަބަބުން އޭގައި ހިމެނޭ މީހުންގެ އާއިލާތައްވެސް ލަދުވެތިކަމުގައި އުޅެން ޖެހި ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށްވެސް ވެއްޓިގެންދާކަމަށެވެ.

އެކަމާ ގުޅިގެން ގިނަ އާއްމު ފަރާތްތަކެއް ވަނީ ފާހިޝް އަމަލުތައް ކުރާ ވީޑިއޯތަކުން މުޖުތަމައަށް ލިބެނީ ލިބެން ނުޖެހޭ މެސެޖެއް ކަމަށާއި އެފަދަ ކަންކަމަކީ އެއްވެސް ހާލެއްގައި މަޖާ ކަމެއް ނޫންކަމަށް ބުނެފައެވެ.

މަޖަލަކަށް ހަދައިގެން އެ ވީޑިއޯތައް ފަތުރަމުންދާއިރު އެކަމުގެ ހުރި ބިރުވެރިކަން ދެނެގަތުން މުހިންމު ކަމަށާއި އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތައް އާންމުކުރުމުން ދީނާއި ޚިލާފު ކަންކަން ކުރުމަށް މީހުންނަށް ދެވެނީ އިތުރު ބާރެއް ކަމަށް އެމީހުން ބުނެއެވެ.

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރު ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްސަލަ މިހާރު ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ފޮނުވާފައެވެ.

އެ މައްސަލައިގެ ތުހުމަތަށް ކަސްޓަމްސްގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކާއި ބައެއް ސްކޫލްތަކުގެ ޓީޗަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ރާފިއުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ހުޅުމާލޭ މިސްކިތެއްގެ އިމާމަކަށް ވެސް ވަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުކޮށްފައެވެ.

އެ މައްސަލާގައި އެންމެފަހުން ސަސްޕެންޑުކޮށްފައި ވަނީ ސިފައިންގެ މީހެކެވެ.

comment ކޮމެންޓް