އަޒުމަކަށް ހަދަންވީ ކިތަންމެ ކުޑަ ކަމެއްގައިވިޔަސް އެހެން ކުއްޖަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުން: ރައީސް

ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅުދައްކަވަނީ--- ފޮޓޯ/ ރައީސް އޮފީސް

މި ފެށޭ ދިރާސީ އަހަރު ދަރިވަރުންގެ އަޒުމަކަށް ހަދަންވީ، ކޮންމެ ދުވަހަކުވެސް ސްކޫލްގެ އެހެން ކޮންމެވެސް ކުއްޖަކަށް ކިތަންމެ ކުޑަ ކަމެއްގައިވިޔަސް އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއްކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިވުމުން ސްކޫލުގެ މާހައުލަކީ ކޮންމެ ކުއްޖަކަށް ވެސް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭ މާހައުލަކަށް ވެގެންދާނެ ކަމަށެވެ.

"އޭރުން ތިޔަ ކުދިން ކޮންމެ ދުވަހަކު ސްކޫލުން ނުކުމެގެން ދާނީ، ސްކޫލަށް ވަންނައިރު ހުންނަ އުފާވެރިކަމަށްވުރެ މާބޮޑު ހިތްހަމަޖެހުމަކާ އެކު،" ރައީސް ވިދާޅުވިއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު ހިތްހަމަޖެހުމާއެކު އައު އަޒުމަކާއެކު ކިޔެވުން ފެށުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސްކޫލަކަށް ހާޒިރުވެ ކިޔެވުމަކީ، ގިނަ ކަންތައްތައް އެކަމުގައި އެކުލެވޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކިޔެވުމުގެ ތެރެއިން، އަހުލާގީ ރިވެތި ސިފަތައް ލިބިގަތުމާއި ފިލާވަޅުތައް ދަސްކުރުމާއި އަދި އޭގެ އިތުރުން ދުޅަހެޔޮ، ހަށިހެޔޮ، ޒިންމާދާރު ކުދިބަޔަކަށް ވުމަކީވެސް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއާއި ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާއިރު، ކިޔަވާކުދިން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ވަރަށް މުހިންމު ދެ ދާއިރާއެއް ވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ތިމާވެށި ހިމާޔަތްކުރުމަކީ އެންމެ ޅަފަތުން ފެށިގެން ވެސް ކޮންމެ ކުއްޖެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފައެއްކަމުގައި ރައީސް ވިދާޅުވިއެވެ. ދެވަނަ ކަމަކަށް އިގްތިސާދު ކުރުމަކީ އެންމެ ކުޑައިރުން ފެށިގެން ކޮންމެ ކުއްޖެއްގެ ކިބައިގައި ހަރުލައްވަންޖެހޭ ވަރަށް މުހިންމު އާދައެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން މަގުތައް ކޮށައިދެނީ ހަމައެކަނި ދަރިވަރުންނަށް ނޫންކަން ފާހަގަކުރައްވައި، ޓީޗަރުންނަށް ރަނގަޅު ގޮތްތައް ހޯދައިދެއްވުމާއެކު، ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ވެސް ގިނަ ކަންތައްތަކެއް ކުރަމުންގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓީޗަރުންނާއި މުދައްރިސުންގެ އިލްމީ ގާބިލުކަން އިތުރުކޮށް، ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ވެސް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތްތަކާއެކު ކިޔަވައިދިނުމުގެ ދާއިރާއާ މެދު ޝައުޤުވެރިކަން އިތުރުވެ، ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ފަސޭހަވެގެންދާނެކަމަށާއި އެކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ދަރިންނަށް ދޭ ތައުލީމުގެ ފެންވަރު މަތިވެ، އިލްމީ ގޮތުން ކުރިއަރާފައިވާ ޒުވާން ޖީލެއް އުފެއްދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިގެން ދާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި 271 ސްކޫލެއްގައި ކިޔަވައިދޭނެއެވެ. އަދި އެ ސްކޫލް މަދަރުސާތަކުގައި 92،000 ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލުކުރާއިރު އޭގެ ތެރެއިން ސަރުކާރުގެ 217 ސްކޫލްގައި 76 ހާހަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދާނެއެވެ. އަދި 8300އަށް ވުރެ ގިނަ ޓީޗަރުން އެ ސްކޫލްތަކުގައި ހަރަކާތްތެރިވަމުންދާނެއެވެ.

comment ކޮމެންޓް