އެސްޓީއޯ ޓްރޭޑު ސެންޓަރުގައި ޓަޗްލެސް ލިފްޓު ބޭނުންކުރަން ފަށައިފި

ރާއްޖޭގެ އެންމެ ފުރަތަަމަ ޓަޗްލެސް ލިފްޓު އެސްޓީއޯ ޓްރޭޑު ސެންޓަރުގައި ބޭނުންކުރަން ފެށުން --- ފޮޓޯ/ އެސްޓީއޯ

ރާއްޖޭގައި ބޭނުންކުރަން ފެށި އެންމެ ފުރަތަމަ ޓަޗްލެސް ލިފްޓު އެސްޓީއޯ ޓްރޭޑު ސެންޓަރުގައި ބޭނުންކުރަން ފަށައިފިއެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލު އަބްދުﷲ މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ އެސްޓީއޯ ޓްރޭޑު ސެންޓަރުގައި ޓަޗް ލެސް ލިފްޓު ބޭނުންކުރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ހަރުކޮށްފައިވާ ޓަޗްލެސް ލިފްޓަކީ ފިންލޭންޑުގެ ބްރޭންޑެއް ކަމަށްވާ ކެނޯ ބްރޭންޑުގެ ލިފްޓެއް ކަމަށެވެ. އަދި އެ ބްރޭންޑަކީ އެންމެ ހައި ޓޭކްނޮލޮޖީގެ އުފެއްދުންތައް އުފައްދާ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ ލިފްޓު ބޭނުން ކުރާއިރު އަތްލާން ޖެހޭ މިންވަރު މަދުވާނެ ކަމަށާއި އެކަމަކީ ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ.

"ލިފްޓު ހަރުކަރުމުުގެ ބޭނުމަކީ ކޮވިޑަށް ފަހު ތަންތާ އަތްލަން ޖެހޭ މިންވަރު ކުޑަކޮށް އާންމުންނަށް ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ލިފްޓު ބޭނުންކުރަން ފެށި ފަރާތްތަކުގެ ތެރޭގައި އެސްޓީއޯ ހިމެނެއެވެ.

ޓްޗްލެސް ލިފްޓު އެސްޓީއޯ ޓްރޭޑު ސެންޓަރުގައި ބޭނުންކުރަން ފެށުމުގެ ކުރިންވެސް އެ އިމާރާތުގައި ހުންނަނީ ކެނޯ ބްރޭންޑުގެ ލިފްޓެކެވެ.

comment ކޮމެންޓް