ރިލްވާނާއި ޔާމީންގެ މަރު: ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

އަޙްމަދު އިސްމާއީލް، އަޙްމަދު މުއާޒް އަދި އިސްމާއީލް އަބްދުއްރަހީމް އާދަމް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލުމާއި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވެ އެހީތެރިވެދީފައިވާ ކަމުގެ ތުހުމަތުގައި ތިން މީހަކަށް ދައުވާ އުފުލައިފިއެވެ.

އެ ދެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ މ. ލެގޫންވިއު، އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި މއ. ފާގަފިލާގެ، އަހްމަދު އިސްމާއިލް (ބުރު އަހަނދު)ގެ އިތުރުން މާލޭ ދަފްތަރު، އަހްމަދު މުއާޒް (ގަޓު މުއާ)ގެ މައްޗަށް ކަމަށެވެ.

ޔާމީނާއި ރިލްވާން މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން އިސޫއަށް ކޮށްފައިވަނީ ދެ ދައުވާއެކެވެ. ޓެރަރިޒަމްގެ އަމަލެއްކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރު އޭނާއަށް ފާރަލައި ރަހީނުކޮށް އަދި މަރާލުމުގައި އެހީތެރިވެދީފައިވާތީ ކަމަށް ޕީޖީން ބުންޏެވެ.

އޭނާގެ މައްޗަށް ކުރި ދެވަނަ ދައުވާއަކީ ޔާމީންގެ ބްލޮގާއި އެކި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓްކުރަމުންދާ ކަމަށް ބުނެ އޭނާ އަށް ފާރަލައި މަރާލުމަށްޓަކައި 2017 ވަނަ އަހަރު ފާރަލައި އެހީތެރިވެދީފައިވާކަމަށް ބުނެ ކުރި ދައުވާއެކެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ ކުރީގެ ޓެރަރިޒަމް ޤާނޫނުގެ ހަ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ ތެރެއިން ބުރު އަހަނދު އަށް ދައުލަތުން އުފުލި ދައުވާއަކީ ކުރީގެ ޓެރަރިޒަމް ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ކ)އާއި އެ ގާނޫނުގެ ތިން ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ، އޭނާގެ މައްޗަށް އެ ދައުވާ އުފުލީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމުކޮށްފައިވާތީ އާއި އޭނާ އާއި އޭނާގެ ބައިވެރިން ރާވާފައިވާގޮތުގެ މަތިން އެހެން ބަޔަކު މެދުވެރިކޮށް، ރިލްވާން ރަހީނުކޮށް މަރާލާފައިވާތީއެވެ.

ހަމައެއާއެކު، ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި އޭނާއަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް އެކަން ކުރުމަށް އެހީތެރިވެދީފައިވާތީ ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވެދީފައިވާ ކަމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ގަޓު މުއާގެ މައްޗަށް ދައުލަތުން އުފުލީ ކުރީގެ ޓެރަރިޒަމް ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ކ) އާއި، އެ ގާނޫނުގެ ތިން ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ހ) ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

އެ ތިން މީހުންނަށް ވެސް ދައުވާ ކުރީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ތަހުގީގުކޮށް ހުށަހެޅި މައްސަލަތަކުގައެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ ކޮމިޝަނުން ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 24 ވަނަދުވަހުއެވެ.

ރިލްވާން ރަހީނުކުރި ކަމުގެ ތުހުމަތުގައި މީގެކުރިން ދައުވާ އުފުލި ހ. ހިލްޓަން، އަޙްމަދު އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެ މައްސަލާގައި ސ. ހުޅުދޫ، އަތިރީއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ. ނަމަވެސް އޭނާ ވަނީ ސީރިއާ ހަނގުރާމައިގައި މަރުވެވެފައި ކަމަށް މަރު ކޮމިޝަނުން ވަނީ ކުރިން ބުނެފައެވެ.

ޔާމީން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި މ. އިރާސްމިކްގޭ އަހްމަދު ޒިހާން އިސްމާއީލާއި ހ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ، އުމުރަށް ޖަލަށްލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި ގޮތުގައި 1.3 މިލިއަން ރުފިޔާ ދިނުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

comment ކޮމެންޓް