ޑްރަގް ކަމެއް، ބޭކިން ޕައުޑާ ކަމެއް ސާފު ނުވުމުން ތުހުމަތުވާ މީހާ ދޫކޮށްލައިފި

ފުލުހުން މާލޭގެ މަގުމަތީގައި: ބަދިގެއިން ފެނުނީ މަސްތުވާތަކެތި ކަން ބުނެ ނުދެވުމުން ހައްޔަރު ކުރި ކީހާ ދޫކޮށްލައިފި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި މީހެއް ދިރިއުޅޭ ގޭގެ ކަބަޑުން ފުލުހުން ގެންގޮސްފައިވަނީ ބޭކިން ޕައުޑާ ކަމަށް ބުނުމުން ތުހުމަތުވާ މީހާ ބަންދުން ދޫކޮށްލައިފިއެވެ.

ޅ. ކުރެންދޫއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ އެ ޒުވާނާ ހައްޔަރުކޮށް މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓަށް މުއްދަތު އިތުރު ކުރުމަށް ގެންދިއުމުން ވަނީ ދޫކޮށްލާފައެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން އެދުނީ ޒުވާނާ ދިރިއުޅުނު ގޭގެ ކަބަޑު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި އެއް ރަބަރު ޕެކެޓް ފެނިފައިވާތީއެވެ.

އެއީ މަސްތުވާތަކެތި ނޫން ކަމަށް އެ ވަގުތު ވެސް އޭނާ ބުނެފައިވާ ކަމަށް ކޯޓުގައި ވަނީ ބުނެފައެވެ. އަދި މުއްދަތު މަޖިލީހުގައި އޭނާގެ ވަކީލް ވިދާޅުވީ ބަދިގޭ ކަބަޑުން ފެނިފައިވަނީ ބޭކިން ޕައުޑަރު ކަމަށެވެ. ފުލުހުންނަށް އެކަން ކަށަވަރު ކުރެވޭނެ ކަމަށް ވެސް ވަކީލް ވަނީ އިތުބާރާ އެކު ވިދާޅުވެފައެވެ.

ފުލުހުން ބުނެފައިވަނީ އެކަން ކަށަވަރު ކުރެވޭނީ ތަހުލީލް ކުރުމުން ކަމަށެވެ.

މަސްތުވާތަކެއްޗަށް އެއްޗެހި ތަހްލީލް ކުރުމުގެ ބާރު ލިބިފައިވާ ކަސްޓަމްސް އިން, އެ ބާވަތުގެ މައްސަލަތަކުގައި ވަގުތުން ޓެސްޓްކުރުމުގެ ގާބިލުކަން ލިބިފައިވާއިރު ފުލުހުންނަށް އެކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ގާޒީ ސަފްއަތު ހަބީބް ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން ކަންކަމުގެ ހަގީގަތައް ވާސިލްވުމުގެ ފަސާހެ މަގު ފަހިވެފައި އޮތްއިރު ޝައްކެއްގެ މަތީގައިހުރެ މީހެއްގެ މިނިވަންކަން ގައިދުކުރުމާ ދުރުވާންޖެހޭނެ ކަމަށް ނިންމައި އެ ޒުވާނާގެ ބަންދުގެ މުއްދަތު އިތުރު ނުކުރުމަށް ގާޒީ ވަނީ ނިންމާފައެވެ.

comment ކޮމެންޓް