އެއްޖިންސުން ގުޅުން ހިންގުމަށް ރާއްޖޭގައި އޮތް ހުރަސް ނައްތާލަން ނަޝީދު އުޅުއްވި ކަމުގެ ތުހުމަތު!

ޖަމިއްޔަތުލް ސަލަފުގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް -- ފޮޓޯ/ ޖަމިއްޔަތުލް ސަލަފު

އެމަނިކުފާނުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން އޭނާގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓްވީޓް ކުރެއްވުމަކީ އެއްޖިންސުން ގުޅުން ހިންގުމަށް ރާއްޖޭގައި އޮތް ހުރަސް ނައްތާލަން ކުރެއްވި ކަމެއް ކަމަށް ޖަމްއިއްޔަތުއް ސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު ތުހުމަތު ކުރައްވައިފިއެވެ.

ނާޒިމް ހައްޔަރު ކޮށްފައިވަނީ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކުވި މައްސަލައިގައެވެ.

ނާޒިމް ހައްޔަރުކުރުމާ ގުޅިގެން ރައީސް ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ ހައްޔަރުކުރީ ވަކިން ޚާއްސަ ތުހުމަތެއްގެ ދަށުން، ގާނޫނީ އިޖުރާއަތުތަކާ ޚިލާފަށް ކަމަށެވެ.

އެ ޓްވީޓާ ގުޅިގެން ޝައިޚް ޢަބްދުﷲ ވިދާޅުވީ އެމަނިކުފާނުގެ އެމެސެޖަކީ އެއްޖިންސުން ގުޅުންހިންގުން ފަދަ މުޑުދާރު ފާޙިޝް ކަންތައްތަކަށް ރާއްޖޭގައި މިވަގުތު އޮތް ޤާނޫނީ ހުރަސް ނައްތާލުމަށްޓަކައި ބޭރުގެ އެހީތެރިންގެ ޕްރެޝަރު ހޯދައިގަތުން ކަމަށެވެ.

ޝެއިޚް ވިދާޅުވީ އެ މެސެޖަކީ އާދައިގެ މެސެޖެއްގެ ގޮތުގައި ދެކުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.

ކޮއްކޮ ހައްޔަރުކުރުމުން ދިފާއުގައި ނަޝީދު ނުކުންނެވުމުން ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.

ނާޒިމްގެ އިތުރުން އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުއެވެ.

ކާނަލް ނަޝީދާއި، ނާޒިމް ސައްތާރުގެ އިތުރުން އަބްދުއްރަހްމާން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރު އުޅޭ ކޮޓަރީގައި ހަރަކާތްތެރިވާ ވީޑިއޯތަކެއް މިދިޔަ މާޗު މަހުން ފެށިގެން މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި އެ ވީޑިއޯތަކަތުގެ ސްކްރީން ޝޮޓްތަކެއް ވެސް ވަނީ ދައުރުވެފައެވެ.

އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރީ އަލަމްގީރުއެވެ. އޭނައާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް ވުރެ ގިނަކަމަށް އެނގިފައިވެއެވެ.

comment ކޮމެންޓް