ނައިޓްމާކެޓް ބާއްވާނީ ކޮވިޑް-19ގެ ކޭސްތައް މަދުވުމުން: މުއިއްޒު

މާލޭ ސިޓީ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު --- ސަން ފައިލް ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މާލޭ ސިޓީ ކައުންސިލުން ނައިޓްމާކެޓް ބާއްވަން އިއުލާނުކޮށްފައިވީ ނަމަވެސް އެ ނައިޓްމާކެޓް ބާއްވާނީ ކޮވިޑް-19ގެ ކޭސްތައް މަދުވުމުން ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ ގުރޫޕުގައި މިއަދު މުއިއްޒު ވިދާޅުވީ، ނައިޓްމާކެޓް ބާއްވާނީ މާލޭ ސިޓީގައި ކޮވިޑްގެ ކޭސްތައް އެންމެ ބޮޑަށް މަދުވިއިރު ހުރި ވަރަށް ކޭސްތައް ދަށްވުމުން ކަމަށެވެ.

"ކޮވިޑާއި ޑެންގޫ ފަދަ ރޯގާތައް ގިނަ އިރެއްގައި މާލޭސިޓީގައި ނައިޓް މާކެޓް ނުބާއްވާނަން،" މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން ނައިޓް މާކެޓް ބާއްވާނެ ތާރީޚެއް ކަނޑައަޅާނީ މިކަންކަމަށް ބަލާފައިކަން މޭޔަރު ފާހަގަކުރެއްވިއެވެ.

ސިޓީ ކައުންސިލުން ވަނީ އެ ނައިޓް މާކެޓް ރާވާ، ހިންގުމަށް ޝައުގުވެރިވާ މީހުން މި މަހުގެ 20ވަނަ ދުވަހުގެ 14:00ގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ޕްރޮޕޯޒަލް ހުށަހެޅުމަށް އެދިފައެވެ.

މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ވެސް ސިޓީ ކައުންސިލުން ނައިޓް މާކެޓެއް ބާއްވަން އިއުލާންކުރިއެވެ. ނަމަވެސް ރޯދަ މަހާ ގާތްވެފައި ވަނިކޮށް އެ ނައިޓް މާކެޓަށް ތައްޔާރުވާން ވަގުތުނެތް ކަމަށް ބުނެ، ފަހުން އެ ނައިޓް މާކެޓް ނުބާއްވާން ކައުންސިލުން ނިންމިއެވެ.

މާލޭ ސިޓީ ކައުންސިލުން އެންމެ ފަހުން ނައިޓް މާކެޓެއް ބޭއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހު ވެސް ކުރިއަށްގެންދިޔަ އެ ނައިޓް މާކެޓް ހުއްޓާލަން ޖެހުނީ މާލެ ސަރަހައްދުގައި އެ ދުވަސްވަރު ކޮވިޑްގެ ހާލަތު ގޯސްވުމުންނެވެ.

comment ކޮމެންޓް