މެންބަރު ސައުދު އެމްޑީޕީއަށް ސޮއިކުރައްވައިފި

ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން --- ފޮޓޯ/ މަޖިލިސް އިދާރާ

ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީން މިއަދު ވަނީ އެ ޕާޓީއަށް އަލަށް ސޮއިކުރި 3،000 މީހުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި މެމްބަރު ސައުދުގެ ފޯމު ވެސް ހިމެނެއެވެ.

ސައުދު އެންމެ ފުރަތަމަ ސިޔާސީ ހަޔާތް ފެށީ ޑީއާރްޕީންނެވެ. ޑީއާރްޕީގެ ޓިކެޓްގައި ގއ. ވިލިނގިލީ ކައުންސިލް މެންބަރު ކަމަށް އިންތިޚާބުވިއެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެންމެ ފުރަތަމަ ވިލިނގިލި ދާއިރާގެ މަޖިލިސް މެންބަރު ކަމަށް އޭނާ އިންތިޚާބުވީ ޕީޕީއެމްގެ ޓިކެޓްގައެވެ.

މިފަހަރު އޭނާ އިންތިޚާބުވެފައި ވަނީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ. މިހާތަނަށް އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރެއްވުމުން މަޖިލީހުގެ މެންބަރުކަމުން ވަކިކުރި 12 ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވައެވެ.

comment ކޮމެންޓް