މާވިންއާ ދެކޮޅަށް ވެސް 110 ހެކި, 74 މީހުން ހިމެނޭ

މޭރީގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މާވިން މިއަދުގެ އަޑުއެހުމުގައި ---

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް, މޭރީ ގްރޭސް އޮނެޑް ޕިނެޑާ މަރާލިކަމަށް ތުހުމަތު ކުރެވޭ އޭނާގެ ފިރިމީހާ މާވީން އެސްވައި ވާގަސްއާ ދެކޮޅަށް 74 މީހުންނާއެކު 110 ހެކި ހުށަހަޅައިފިއެވެ.

އެ މައްސަލައާ ގުޅިގެން މާވިންގެ މައްޗަށް އުފުލައިފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. މާވިންގެ މައްޗަށް އެ ދައުވާ ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން މަރާލައިފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

މާވިންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުކުރުމަށް ދައުލަތުން 110 ހެކި ހުށަހެޅިއިރު އޭގެ ތެރެއިން 74 ހެއްކަކީ މީހުން ކަމަށް ދައުލަތުން ބުނެފިއެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި 36 ހެއްކެއް ދައުލަތުން ވަނީ ހުށަހަޅާފައެވެ.

ދިފާއީ ހެކި ހުށަހަޅަން ފަހު ފުރުސަތު:

އެ މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުވާއަށް މާވިން އިންކާރު ކުރުމުން ޝަރީއަތުން ވަނީ ދައުލަތާއި ދިފާއަށް ހެކި ހުށަހެޅުމަށް ފުރުސަތު ދީފައެވެ. އަދި މިއަދުގެ އަޑުއެހުމަކީ އެކަމަށްޓަކައި ބޭއްވި އަޑުއެހުމެކެވެ.

ދައުލަތުން ހެކި ހުށަހެޅި ނަމަވެސް ދިފާއުން ވަނީ ހެކި ހުށަހެޅުމަށް އިތުރު ވަގުތު ދިނުމަށް އެދިފައެވެ. އެއީ މާވިންއަކީ ބިދޭސީއެއްކަމަށް ވުމުން އޭނާއާ މުއާމަލާތް ކުރުމުގައި ދަތިތަކެއް ހުުރުމުން ކަމަށް ދިފާއުން ބުންޏެވެ.

"އަޅުގަނޑުގެ މުވައްކިލަކީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ވެފައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރީ އެ ފަރާތުގެ މަންމަކަމަށް ވެފައި މި މައްސަލައިގައި އައިޖީއެމްއެޗްގެ ނަރުހުންގެ ހެކިބަސް ވެސް އެ ބޭފުޅުން ބޭނުން ވެގެން މުއާމަލާތްތަކެއް ކުރެވެމުން ދިޔަ," ދިފާއީ ވަކީލް ވިދާޅުވިއެވެ.

އެހެންކަމުން ދިފާއުން ހުށަހަޅަން ބޭނުންވާ ބައެއް ހެކިތައް އަދި ލިބިފައި ނެތުމުން ވަކީލް އެދިވަޑައިގަތީ އެކަމަށް އަދިވެސް އިތުރު ފުރުސަތު ދިނުމަށެވެ.

އެކަމަށް އިއުތިރާޒްކޮށް ދައުލަތުގެ ވަކީލު ވިދާޅުވީ, ހެކި ހާމަކުރާ އަޑުއެހުމުގައި ދެފަރާތުން ވެސް ހެކި ހާމަ ކުރަން ޖެހޭނެ ކަމަށާއި އެކަމަށް އިތުރު ފުރުސަތެއް ދޭން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ނަމަވެސް ޝަރީއަތުން ވަނީ ދިފާއަށް ހެކި ހުށަހެޅުމަށް އިތުރު ހަތް ދުވަހުގެ ފުރުސަތެއް ދީފައެވެ.

މިއަދުގެ އަޑުއެހުމުގައި ޝަރީއަތުން ވަނީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ނިންމާފައެވެ. އަދި ޝަރީއަތުގެ ކުރިން އެއްވެސް ހުށަހެޅުމެއް ހުށަހަޅަން ބޭނުން ނަމަ އެކަމަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މޭރީގެ މަރުގެ މައްސަލައާ ގުޅިގެން ދެން ދައުވާ އުފުލާފައިވަނީ މާވިންގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

ލަމްހާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ވެސް ދައުލަތުން ހުށަހަޅާފައިވަނީ 74 މީހުން ހިމެނޭހެން 110 ހެއްކެކެވެ.

ކްރިމިނަލް ކޯޓުގައި ވަކިވަކިން ކުރިއަށްގެންދާ އެ މައްސަލައިގައި މިއަދު ބާއްވަން ތާވަލްކުރި ލަމްހާގެ ބައި ވަނީ ކެންސަލް ކޮށްފައެވެ. އެއީ ދިފާއީ ވަކީލް ބަލިވެ އުޅުއްވާތީއެވެ.

comment ކޮމެންޓް