ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ ދިވެހިންގެ މެދުގައި, އިއްޔެ މާލޭގައި ހިންގި މާރާމާރީއެއްގައި 64 އަހަރުގެ ފިރިހެން މީހާއަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި 32 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފިއެވެ.
މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ 10:05 އެހާކަންހާއިރުއެވެ.
މި މާރާމާރީގައި 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މާރާމާރީގައި ދެ މީހުންނަށް ވެސް އަނިޔާވެފައިވާތީ ހޮސްޕިޓަލުން ވަނީ ފަރުވާ ދީފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އޭގެ ތެރެއިން އަންހެން މީހާ އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ހަމައެހެންމެ އަނިޔާ ލިބުނު ފިރިހެން މީހާއަށް ފަރުވާ ދިނުމަށްފަހު އިއްޔެ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.