ސަރުކާރުގެ ވިސްނުމަކީ ވަކި ރަށެއް ތަފާތު ކުރުމެއް ނެތި ތަރައްޤީ ކުރުން: ރައީސް

ރައީސް، ށ. ފުނަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ވިސްނުމަކީ ވަކި ރަށެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ކަންކަން ކުރިޔަށްގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި މޭރުމުން ވިދާޅުވީ، ށ. ފުނަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު އަތޮޅު ކައުންސިލް އިދާރާގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، އެ ބައެއްގެ މެދުގައި އޮންނަ ސިޔާސީ ވިސްނުމެއްގެ ސަބަބުން އެ ރަށެއްގެ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ސަރުކާރުން ތަފާތެއް ނުގެންގުޅުއްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސް، ށ. ފުނަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލުކުރެއްވުމަށްފަހު ރައީސް، ވަނީ ށ. އަތޮޅުގެ ހެލްތު ސެންޓަރުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާގެ ތެރޭގައި ހެލްތު ސެންޓަރުތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހެލްތު ސެންޓަރު ތަކަށް ކުރިމަތިވާ ބަޖެޓުގެ ދަތިކަމާއި މެޑިކަލް ކޮންޒިއުމަބުލް ހޯދުމުގައި ހުރި ދަތިތަކާއި ހަރުމުދާ ހޯދުމުގައި ހުރި ދަތިތަކާއި އިންސާނީ ވަސީލަތް ހޯދުމުގައި ހުރި ދަތިތައްފަދަ ކަންކަން ފާހަގަކުރެއްވިއެވެ.

ފުނަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންތައްތައް ކަމުގައިވާ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުންފަދަ ކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާތީ އެކަން ފާހަގަކުރައްވާފައެވެ.

ރައީސް، ށ. ފުނަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި އެއާޕޯޓު ސަރަހައްދަށް ދާން އޮންނަ މަގު ރަނގަޅު ފެންވަރަކަށް ހަދަން ބޭނުންވާ ކަމާއި ފެރީ ނެޓްވޯކް ފަސާއިރު ބަނދަރަށް ގެންނާންޖެހޭ ބަދަލުތަކާއި ބެހޭގޮތުންނާއި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ލަސްވަމުންދިއުމުގެ ކަންބޮޑުވުމާއި އަދި ޔޫތު ސެންޓަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިމެނެއެވެ.

މި ވާހަކަތައް އަޑުއެއްސެވުމަށްފަހު، ރައީސް ވިދާޅުވީ ށ. އަތޮޅުގެ ސިއްޙީ ދާއިރާގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގައި ބަޖެޓުތެރޭން ގެނެވެންހުރި ބަދަލުތައް ގެންނެވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައެވެ. އަދި އެމަނިކުފާނު ވަނީ ސަރުކާރުން މިހާރު މުޅި ސިއްޙީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެންނެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ށ. އަތޮޅުގެ ސިއްޙީ ދާއިރާގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް، ށ. ފުނަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް، ވަނީ ފުނަދޫ ގިރާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެ ސަރަހައްދު ބައްލަވާލައްވާފައެވެ.

މީގެ އިތުރުން ފުނަދޫ ޕޮލިސް ސްޓޭޝަނާއި ށ. ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް