ދިރާސީ އާ އަހަރު ފެށުން ކުރިން އޮތްގޮތަށް މީލާދީ އަހަރު ފެށޭ ކޮޅަށް ބަދަލުކުރުމުގެ ވިސްނުން ނެތްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަށް ޖަަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އަހަރުގެ މެދުތެރެއަށް ދިރާސީ އަހަރު ފެށުން ބަދަލުކުރި ވަރަށް ގިނަ ދިރާސާތަކެއް ކުރުމަށް ފަހުގައި ކަމަށެވެ.
''އެކަޑެމިކް އިޔާ އަޅުގަނޑުމެން އަހަރުގެ މެދުތެރެއަށް ބަދަލުކޮށްފައި މިވަނީ ދިރާސާވެސް ކޮށްފަ. އަދި ކޮވިޑު އާވެސް ގުޅިިގެން އަޅުގަނޑުމެންނަށް އެހާލަތުގަ އެއީ އެންމެ ރަނގަޅު ގޮތްކަމަށް ފެނިގެން،'' މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ ދިރާސީ އަހަރު ކޮންމެ އަހަރަކު އެއްފަހަރު ބަދަލުކުރުމަކީ ދަރިވަރުންނަށް ވަރަށް ގެއްލުންވާނެ ކަމެއް ކަމަށެވެ.
''އަޅުގަނޑުމެންގެ ވިސްނުމަކު ނެތް މިހާރު މިއޮތް ގޮތްނޫން އެހެން ގޮތަކަށް ބަދަލުކުރުމެއް.'' މިނިސްޓަރު ވިދާޅުވިއެވެ.
ދިރާސީ އާ އަހަރު މެދުތެރެއިން ފެށުމުގައި ވަރަށް ގިނަ ފައިދާތަކެއް ހުރިކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސުކޫލުތަކުގެ ދިރާސީ އަހަރު ފެށުން މީލާދީ އަހަރުގެ މެދުތެރެއަށް ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުއެވެ.