އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު އެކެއް އަލުން ޕްރިންޓު ކުރަނީ

އޯލެވެލް އިމްތިހާނެއް ކުރިއަށް ދަނިކޮށް --- ސަން ފޮޓޯ

ސެކެންޑަރީ ސުކޫލު ސެޓިފިކެޓު (އެސްއެސްސީ) އިމްތިހާނުގެ ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓުކުރަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފިއެވެ.

ޑީޕީއީ ހިންގުމާހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިހުސާން މިއަދު "ސަން" އަށް ވިދާޅުވީ ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓު ކުރަން ނިންމީ ޕްރިންޓިންގައި ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

"އިސްލާމް ޕޭޕަރަކަށް އަސަރެއް ނުކުރާނެ. އެކަމަކު ދިވެހި ޕޭޕަރު އެކަކަށް އަސަރެއް ކޮށްފާނެ ކަމަށް ބެލެވޭތީ އަލުން ޕްރިންޓު ކުރަން ނިންމީ،" އިހުސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ދިވެހި ޕޭޕަރު އެކެއް އޮންނަ ދުވަހަށް ބަދަލު ނާންނާނެ ކަމަށެވެ. ދިވެހި ޕޭޕަރު އެކެއްގެ ޓެސްޓް އޮންނާނީ މާދަމާއެވެ. އަދި މާދަމާ ދިވެހި ޕޭޕަރު އެކެއް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

މީގެ ކުރިންވެސް އެސްއެސްސީ އިމްތިހާނުގައި އިސްލާމް ކަރުދާސް އެކެއްގެ ބަދަލުގައި ދިވެހި ކަރުދާސް ކުދިންގެ މޭޒުމަތީގައި ބޭއްވުނު މައްސަލައެއް ދިމާވިއެވެ.

comment ކޮމެންޓް