ރިސޯޓު ކުލި ކުޑަ ކޮށްފިނަމަ ދައުލަތަށް ލިބޭ އާމްދަނީން 590 މިލިއަން ރުފިޔާ ގެއްލޭނެ: މީރާ

ރާއްޖޭގެ ރިސޯޓެއް: ރިސޯޓުތަކުގެ ބިމު ކުލި ކުޑަކޮށްފިނަމަ ދައުލަތަށް ލިބޭ އާމްދަނީން 590 މިލިއަން ރުފިޔާ ގެއްލޭނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ޓޫރިޒަމަށް ދޫކުރާ ރަށްތަކުގެ ބިމުކުލި ކުޑަ ކޮށްފިނަމަ ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީން 590 މިލިއަން ރުފިޔާ ގެއްލޭނެކަމަށް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީއު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އަސްމާ ވިދާޅުވީ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކޮށްފިނަމަ ދައުލަތަށް ރިސޯޓުތަކުގެ ބިމު ކުލިން ލިބޭ އާމްދަނީން 36.8 ޕަސެންޓު ދަށްވާނެކަމަށެވެ.

"ބަލާކަމަށް ވަނީ ނަމަ 1.6 ބިލިއަން އާންމުކޮށް ކަލެކްޝަން ގޮތުގައި އަންނާނީ ޓުއަރިޒަމް ލޭންޑު ރެންޓުން،" އަސްމާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ސަރުކާރުން އިތުރު އިންވެސްޓުމަންޓުތައް ފަތުރުވެރިކަމުގެ ދާއިރާއަށް ގެނެސްފިނަމަ އިތުރު ގޮތްގޮތަށް ދައުލަތަށް އާމްދަނީ ލިބޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ކޮމެޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވީ ރިސޯޓުތަކުގެ ކުލި ކުޑަކުރުމަކީ، ދައުލަތުގެ އާމްދަނީ ދަށްވާނެ ކަމެއް ކަމަށާއި، އެފަދަ ކަމެއް ކުރުން މިވަގުތަށް ބުއްދިވެރިއެއް ނޫންކަމަށެވެ.

"ޔޫކްރޭން މައްސަލައާއި، އަދިވެސް މި ފަދަ ސަޕްލައި ޝޮކްތަކެއް އަންނައިރު މިކަހަލަ، ރެވެނިއު ދަށްވާ ކަމެއް ކުރުން ބުއްދިވެރިއެއް ނޫން. އެ ގައުމުން [ސްރީލަންކާ އިން] ވެސް އެކަހަލަ މައްސަލައެއް ދިމާވެގެން މިހާރު އެހެރީ އައިއެމްއެފަށް ދާ ހިސާބަށް ގޮސްފައި" ގަވަރުނަރު ވިދާޅުވިއެވެ.

މީގެއިތުރުން ގަވަރުނަރު ވިދާޅުވީ މި ބިލާއެކު ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރު ދެނެގަނެވިފައި ނުވާކަމަށާއި، އެކަން ކުރުމަކީ މުހިއްމުކަމެއް ކަމަށެވެ.

ނަމަވެސް ޓުއަރިޒަމް މިނިސްޓަރު މިމަހުގެ 16 ވަނަ ދުވަހު މަޖިލީހުގައި ވާހަކަ ދައްކަވުމުން ވިދާޅުވީ ޓޫރިޒަމަށް ދޫކުރާ ރަށްތަކުގެ ބިމުކުލި ކުޑަ ކުރުމުން އާމްދަނީ ކޮންމެވެސް ވަރަކަށް ދައުލަތަށް ލިބޭ އާމްދަނީ ދަށްވި ނަމަވެސް ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭ ފައިދާ އިތުރުވާނެ ކަމަށެވެ.

މީގެ އިތުރުން މައުސޫމް ވިދާޅުވީ ބިމުކުލި ބޮޑުކޮށް ބޭއްވުމުން ދައުލަތަށް ލިބޭ ފައިދާ އަށްވުރެ، ރިސޯޓުތައް ގިނަވުމުން ލިބޭ ފައިދާ މާބޮޑުވާނެ ކަމަށެވެ.

"ދުރުމުސްތަގުބަލަށް ބަލާއިރު ދައުލަތަށް އެންމެ ފައިދާހުރި ގޮތަކީ ވިޔަފާރި ބޮޑަށް ހިންގާލާ ޓެކްސް ފައިސާ އިތުރުވުން،" އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި މަގުސަދެއް ކަމަށް ބުނެފައިވަނީ މިނިމަމް ވޭޖުގެ ސަބަބުން ރިސޯޓުތަކަށް ލިބޭ ގެއްލުމުގެ އަސަރު ކުޑަކުރުމެވެ.

comment ކޮމެންޓް