މިނިސްޓަރުންނާ އިތުރު ސުވާލުކުރުމަށް ދޭ ވަގުތު 30 މިނެޓަށް އިތުރުކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް މިނިސްޓަރުން ހާޒިރުކޮށް އިތުރު ސުވާލުކުރުމަށް މެންބަރުންނަށް ޖުމްލަ 30 މިނެޓުގެ ވަގުތު ދިނުމަށް މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ޤަވާއިދުގައި ވާގޮތުގެ މަތިން މަޖިލީހަށް ހާޒިރުކުރާ މިނިސްޓަރާ ސުވާލުކުރުމަކީ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ހައްގެކެވެ.

މިގޮތުން މިނިސްޓަރާ ސުވާލުކުރުމަށް ކޮންމެ މެންބަރަކަށްވެސް 45 ސިކުންތުގެ ވަގުތުކޮޅެއް ދެއެވެ. އަދި އިތުރު ސުވާލުކުރުމަށް ދޭން ކަނޑައަޅާފައިިވަނީ 20 މިނެޓެވެ.

އިތުރު ސުވާލުކުރުމަށް ލިބޭ ވަގުތު ކުޑަކަމަށްބުނެ މެންބަރުން ކަންބޮޑުވުން ފާޅުކުރުމާއެކު އެކަން ބެލުމަށް މަޖިލީހުގެ އަމީންއާއްމުވަނީ ޤަވާއިދު ކޮމިޓީއަށް ފޮނުވާފައެވެ.

އެކަމާ ބެހޭ ގޮތުން މިއަދު ބޭއްވި އާއްމު ކޮމިޓީގައި ވަނީ ނުރަސްމީކޮށް މަޝްވަރާކުރުމަށްފަހު ވޯޓަށް އަހާފައެވެ. އަދި ކޮމިޓީގައި މިއަދު ބައިވެރިވި މެންބަރުންގެ އިއްތިފާޤުން، އިތުރު ސުވާލުކުރުމަށް 30 މިނެޓު ދިނުމަށް ވަނީ ފާސްވެފައެވެ.

ކުރެވުނު މަޝްވަރާތަކުގެ އަލީގައި ކުރިން އިތުރު ސުވާލު ކުރުމަށް ދޭ 20 މިނެޓަށް 10 މިނެޓުގެ ވަގުތު އިތުރުކުރުމުގެ ޚިޔާލު ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ)އެވެ. ނަމަވެސް ވަގުތު އިތުރު ކުރެވޭނީ އެއްވެސް ވަޒީރެއްގެ އިއުތިރާޒެއް ނެތިއްޔާކަމުގައިވެސް މެންބަރު ފާހަގަކުރެއްވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް