ވަކި ޤައުމެއްގެ އުޅަނދެއްވީމާ ރާއްޖެއިން މަސްވެރިކަން ކުރުމުގެ ފުރުޞަތު ދީފައެއް ނުވާނެ: މިނިސްޓަރު

ފިޝަރީޒް މިނިސްޓަރު ޑރ ޙުސައިން ރަޝީދު އަޙްމަދު--ފޮޓޯ/މަޖިލިސް

ވަކި ޤައުމެއްގެ އުޅަނދެއްވީމަ ރާއްޖެއިން މަސްވެރިކަން ކުރުމުގެ ފުރުޞަތު ދީފައި ނުވާނެކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.ޙުސައިން ރަޝީދު ޙަސަން މިއަދު ވިދާޅުވެއްޖެއެވެ.

މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކުރުމަށް މިއަދުގެ މަޖިލީހަށް ފިޝަރީޒް މިނިސްޓަރު ވަނީ ހާޒިރު ކޮށްފައެވެ.

ސުވާލުކުރުމަށް ލިބުނު ފުރުޞަތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވަނީ އިންޑިއާގެ ބޯޓު ފަހަރަށް ރާއްޖޭގެ ޤަވާއިދުގެ ބޭރުން ރާއްޖޭގައި މަސްވެރިކަން ކުރުމުގެ ފުރުޞަތު އެއްވެސް ވަރަކަށް ދީފައިވާނެތޯއާއި ޤަވާއިދާއި ޚިލާފަށް މަސްބާނާ އިންޑިއާގެ ބޯޓެއްވީމަ އެކަން ނުފެންނަ ކަމަކަށް ހަދައި ދޫކޮށްލާނެ ހާލަތެއް އަންނާނެތޯ ސުވާލު ކުރައްވާފައެވެ.

މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ފުރުޞަތު ދީފައި ނުވާނެ ކަމަށެވެ.

ދިވެހިރާއްޖެއާއި އިންޑިއާއަކީ އެއް ބޯޑަރެއް ހިއްސާކުރާ ދެ ގައުމު ކަމަށާއި ރާއްޖެއާއި އިންޑިޔާއާއި ދެމެދުގައި 200 މޭލުގެ ދުރުމިން ވެސް ނުހުންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިންޑިއާގެ ބޯޓުތައް ރާއްޖޭގެ ބޯޑަރަށް ވަންނަ ކަމުގެ ޝަކުވާތައް މަސްވެރިންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

ނަމަވެސް ކޯސްޓްގާޑުން ލިބޭ މައުލޫމާތަށް ބަލާއިރު އެފަދަ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިންޑިއާގެ އުޅަނދުތައް ރާއްޖޭގެ ބޯޑަރަށް ނުވަތަ ބޯޑަރުގެ ކައިރިއަށް އަންނަ ކަމުގެ ޝަކުވާތައް މަސްވެރިންގެ ފަރާތުން ލިބޭ. އެހެންނަމަވެސް ކޯސްޓުގާޑުން އެފަދަ ކަމެއް ފާހަގަކޮށްފައެއް ނެތް" މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ޤާނޫނު ތަންފީޒު ކުރަން ފެށީންސުރެއް މިހާތަނަށް އަށް އުޅަނދެއް ހިފަހައްޓާފައިވާނެކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އޭގެ ތެރެއިން ފަސް އުޅަނދަކަށް ފިޔަވަޅުވެސް އަޅާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަކި ޤައުމެއްގެ އުޅަނދެއްވީމަ ޤާނޫނުން ތަންފީޒުކުރަން ޖެހޭކަމެއް ތަންފީޒުނުކޮށް ދޫނުކޮށްލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ޤާނޫނު ތަނެއް ނުދޭ ވަކި ޤައުމެއްގެ ބޯޓެއްވީމަ ވަކި ޚާއްސަ ހުއްދައެއް ދޭކަށް. ޤާނޫނުން އަޅަންޖެހޭ ފިޔަވަޅުތައް އެއީ ކޮން ޤައުމެއްގެ، ކާކުގެ ކޮން ދޯންޏެއްތޯ ނުބަލައި އަޅުގަނޑުމެން އަޅަމުން އެބަގެންދަށް " މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް