އިންޑިއާ އައުޓް ހަރަކާތައް ހަރަދުކުރާ މައިގަނޑު އެކަކީ މުޙައްމަދު އިސްމާއީލް: ފުލުހުން

މުޙައްމަދު އިސްމާއިލް ހައްޔަރު ކޮށްގެން ގެންދަނީ: އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ އިންޑިއާ އައުޓް ހަރަކާތައް ހަރަދުކުރާ ކަމަށް --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

އިންޑިއާ އައުޓް ހަރަކާތް ހިންގުމަށް ހަރަދުކުރާ މައިގަނޑު އެކަކީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މުޙައްމަދު އިސްމާއީލަށް އެ ތުހުމަތުކޮށްފައި ވަނީ އެ މައްސަލައިގައި އޭނާ ދެވަނަ ފަހަރަށް ހައްޔަރުކޮށް މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމަށްފަހުއެވެ.

މުޙައްމަދު އިސްމާއީލްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން ހެކި ގަރީނާގެ ގޮތުގައި ހުށަހަޅާފައިވަނީ މައިގަނޑު ތިން ކަމެކެވެ. އެއީ އިންޓެލިޖެންސް ރިޕޯޓާއި ފޮޓޯ ރިޕޯޓުގެ އިތުރުން ކުށުގެ ރިކޯޑެވެ.

އެގޮތުން އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން އެކަމަށް ހަރަދުކުރާ މައިގަނޑު އެއްފަރާތަކީ މުޙައްމަދު އިސްމާއީލް ކަމަށް ފުލުހުން ވަނީ ޝަރީއަތުގައި ބުނެފައެވެ. ނަމަވެސް އެ ތުހުމަތައް ބާރުލިބޭނެ އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށް އޭނާ ބަންދުން ދޫކޮށްލުމަށް ނެރިފައިވާ ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ފުލުހުން މުޙައްމަދު އިސްމާއީލްގެ މައްޗަށް ކޮށްފައިވާ އިތުރު ތުހުމަތުތަކަކީ, އާއްމު މަސްލަހަތަށް ގެއްލުންހުރި އަމަލުހިންގައި ގައުމީ ސަލާމަތައް ނުރައްކާވާފަދަ އަމަލުކޮށް ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތައް ހުރަސް އެޅިކަމުގެ ތުހުމަތެވެ. އަދި މީހެއްގެ ނަސްލާއި އުފަންވީ ގައުމާއި ސިޔާސީ ވިސްނުމާ ގުޅުވައިގެން ހިންގާ އަމަލާ ގުޅޭ ކުށް އަދި މުދަލައް ގެއްލުންދިންކަމުގެ ތުހުމަތު ހިމެނެވެ.

ނަމަވެސް އެއިން އެއްވެސް ކުށެއް މުޙައްމަދު އިސްމާއީލް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައި ނުވާ ކަމަށް އެ ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ހަމައެކަނި އިންޓެލިޖެންސް ރިޕޯޓުގެ މައްޗަށް ބިނާކޮށް މީހެއްގެ ބަންދުގެ މުއްދަތު އިތުރުނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާއިރު, ފުލުހުން ހުށަހަޅާފައިވާ ފޮޓޯ ރިޕޯޓުން އިންޓެލިޖެންސް ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ކަންކަމަށް އެކަށީގެންވާ ގޮތެއްގައި ބާރުލިބިދޭކަމަށް ނުފެންނަ ކަމަށް މުޙައްމަދު އިސްމާއީލް ދޫކޮށްލަން ނެރުނު ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އެ އަމުރު އިއްޔެ ކްރިމިނަލް ކޯޓުން ނެރެފައިވަނީ އެ ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއުއެވެ.

އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގާ ކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ މުޙައްމަދު އިސްމާޢީލް ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އަދި ދެވަނަ ފަހަރަށް އޭނާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ 12 ޖަހަނިކޮށެވެ.

ދެ ފަހަރު ވެސް ފުލުހުން އެދުނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށެވެ. ނަމަވެސް ކޯޓުން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްނުދީ ދޫކޮށްލައިފައެވެ.

comment ކޮމެންޓް