ރައީސް ނަޝީދު ލަންކާގެ ކުރީގެ ރައީސް ސިރިސޭނާއާ ބައްދަލު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސްރީލަންކާގެ ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާއާއި ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސްރީލަންކާގެ ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ނަޝީދު ލަންކާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ސިރިސޭނާއާ ބައްދަލު ކުރައްވައި، އެގައުމުގެ ހާލަތާ ބެހޭ ގޮތުން މަޝްރަވާ ކުރެއްވިކަން ހާމަ ކުރެއްވިއެވެ.

"މިއަދު މަޝްވަރާ ކުރީ ލަންކާގެ ރައްޔިތުން އުޅޭ އުނދަގޫ ހާލަތާއި، ގައުމުގެ މުސްތަގުބަލު އުޖާލާ ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ވެސް އެއް ތަސައްވުރެއް ގެންގުޅުމުގެ މުހިއްމުކަމުގެ މައްޗަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ސްރީލަންކާއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އެ ގައުމަށް ފައިސާ ހޯދައިދިނުމުގެ މެދުވެރިއަކަށް އެގައުމުން ވަނީީ ރައީސް ނަޝީދު ހަމަޖައްސާފައެވެ.

އެކަމަށް ރައީސް ނަޝީދު ހަމަޖެއްސީ، އެމަނިކުފާނުގެ އެދިލެއްވުމަކަށް ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ޙަސަން ޒިޔާއު އިއްޔެ "ސަން"އަށް ވިދާޅުވީ އިއްޔެގެ ވަގުތެއްގައި ފޯނުން ގުޅުއްވާ ރައީސް ނަޝީދާ ރަނިލް ވާހަކަފުޅުދެއްކެވި ކަމަށެވެ.

އެ ފޯނު ކޯލުގައި ދެ ބޭފުޅުން ލަންކާގެ ހާލަތާ ބެހޭގޮތުން ވާހަކަ ދެއްކެވި ކަމަށާއި، އެ ގައުމަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ބައިނަލްއަގްވާމީ އެހީތެރިކަން ހޯދުމަށް ރައީސް ނަޝީދުގެ އެހީތެރިކަން ބޭނުންވާކަން ރަނިލް ހާމަކުރެއްވި ކަމަށް ޒިޔާއު ވިދާޅުވިއެވެ.

ރަނިލް އެދިލެއްވިފަދައިން އެގައުމަށް މާލީ އެހީތެރިކަން ހޯދައިދިނުމަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވި ކަމަށް ޒިޔާއު ވިދާޅުވިއެވެ.

ނަމަވެސް ރޭ ރަނިލް ކުރެއްވި ޓުވީޓެއްގައިވާ ގޮތުން ލަންކާއަށް އެހީ ފޯރުކޮށްދިނުމުގައި މެދުވެރިއަކަށް ވުމަށް ރައީސް ނަޝީދު އައްޔަން ކުރީ ރައީސް ނަޝީދުގެ އެދިލެއްވުމަކަށެވެ.

comment ކޮމެންޓް