ފޮތާއި އެހެނިހެން ތަކެތީގައި ފޮރުވައިގެން، ޕޯސްޓުން ލަންކާއަށް ގެންދިޔަ 67.5 މިލިއަން ރުޕީސްގެ ޑުރަގު ހޯދައިފި

ލަންކާގެ ޕޯސްޓް މެދުވެރިކޮށް ގެންދިޔަ ޕާރުސަލްތަކެއްގައި ފޮރުވާފައި ހުރި މަސްތުވާތަކެތި -- ފޮޓޯ/ ނިއުސްވަޔާ

ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ސެންޓްރަލް މެއިލް އެކްސްޗޭންޖަށް ލިބިފައިވާ ޕޯސްޓު ޕާރުސަލްތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 67.53 މިލިއަން ލަންކާ ރުޕީސް (712,088 ޑޮލަރު)ގެ މަސްތުވާތަކެތި އެ ގައުމުގެ ކަސްޓަމްސްއިން މިއަދު އަތުލައިގެންފިއެވެ.

ސްރީލަންކާ ކަސްޓަމްސްގެ ނާކޮޓިކްސް ކޮންޓްރޯލް ޔުނިޓް (އެންސީޔޫ)އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެ ތަކެތި އަތުލައިގަތީ، އެކި ގައުމުތަކުން ފޮނުވާފައިވާ 11 ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން، އެ އޮޕަރޭޝަނަކީ ބޭރު ގައުމުތަކުން ޕޯސްޓު މެދުވެރިކޮށް އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.

ނިއުސްވަޔާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޕާރުސަލްތައް ފޮނުވާފައިވަނީ ތައިލެންޑް، އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް، ބެލްޖިއަމް، ފަރަންސޭސިވިލާތް، ނެދަލެންޑްސް އަދި ޖަރުމަނުވިލާތުންނެވެ. އެގޮތުން، ބޭރުން ގެންނަ ޕާރުސަލްތައް މޮނިޓާކުރުމުގެ ތެރޭގައި ކަސްޓަމްސްގެ އޮފިސަރުންނަށް ޝައްކުކުރެވޭ ޕާރުސަލްތަކެއް ފާހަގަކުރެވިގެން، އެ ތަކެއްޗާ ހަވާލުވާން އަންނާނެ ބަޔަކަށް ފާއިތުވި މަސްތަކުގައި ދިޔައީ ފާރަލަމުން ކަމަށް އެ ނޫހުގައިވެއެވެ.

އެހެންނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެ ޕާރުސަލްތަކާ ހަވާލުވާން ގޮސްފައި ނުވާތީ، ޕޮލިސް ނާކޮޓިކް ބިއުރޯ (ޕީއެންބީ)ގެ އޮފިސަރުންގެ ހާޒިރުގައި ކަސްޓަމްސްއިން ވަނީ އެ ޕާރުސަލްތައް ކަނޑައި ބަލައިފައި ކަމަށް ނިއުސްވަޔާގައި ރިޕޯޓުކޮށްފައިވެއެވެ.

އެ ޕާރުސަލްތައް ފާސްކުރިއިރު، ތައިލެންޑާއި އެމެރިކާ އަދި އިނގިރޭސިވިލާތުން ފޮނުވާފައިވާ ޕާރުސަލްތަކުން 3.1 ކިލޯގްރާމަށް ވުރެ ގިނަ ޑުރަގު ފެނި، އެ ތަކެތީގެ އަގު 30.5 މިލިއަން ރުޕީސްއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. ހަމައެއާއެކު، ބެލްޖިއަމް، ފަރަންސޭސިވިލާތް، ކެނެޑާ އަދި ޖަރުމަނުވިލާތުން ފޮނުވާފައިވާ ޕާރުސަލްތަކުން 2،000 ގްރާމަށްވުރެ އިތުރަށް ޑުރަގު ފެނިފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި ފެނިފައިވަނީ ބެލްޖިއަމްއިން ފޮނުވާފައިވާ ޕާރުސަލަކުން ކަމަށް ނިއުސްވަޔާގައިވެއެވެ. އެ ޕާރުސަލްގައި އެކަނި 33.03 މިލިއަން ރުޕީސްގެ އަގުހުރި 2،202 ގްރާމްގެ އެމްޑީއެމްއޭ ގުޅަ ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނޫސްތަކުގައިވާ ގޮތުން، ސެންޓްރަލް މެއިލް އެކްސްޗޭންޖުގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަށްފަހު، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ޕޮލިސް ނާކޮޓިކް ބިއުރޯއާ ހަވާލުކޮށްފައެވެ.

ބައިނަލްއަގުވާމީ ޕޯސްޓުގެ ޒަރީއާއިން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ޚާއްސަސަމާލުކަމެއް ދެމުން އަންނައިރު، މި މައްސަލައާ ގުޅިގެން ކުރަންޖެހޭ އިތުރު ތަހުގީގުތައް ޕޮލިސް ނާކޮޓިކް ބިއުރޯއިން މިހާރު ދަނީ ކުރަމުން ކަމަށް ރިޕޯޓުތަކުގައިވެއެވެ.

comment ކޮމެންޓް