ޕްލާސްޓިކު ކޮތަޅު ވިއްކައި އެ ފައިސާ މީރާއަށްދޭން ލާޒިމްކުރާ ބިލެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު: އޭނާ ހުށަހެޅުއްވި އިސްލާހުގައި ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހިމަނާފައި --- ފޮޓޯ/ މަޖިލިސް

ކުރިން ފިހާރަތަކުން ހިލޭ ދެމުން އަންނަ ޕްލާސްޓިކް ކޮތަޅު ދެ ރުފިޔާއަށް ވިއްކައި، އެ ފައިސާ ދައުލަތުގެ ޓެކްސް އިދާރާ (މީރާ)އަށް ދިނުން ލާޒިމްކުރާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެފަދައިން ލާޒިމް ކުރުމަށް ހިމަނާފައި ވަނީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު މިއަދު ހުށަހެޅުއްވި ކުނި މެނޭޖްކުރުމުގެ ބިލްގައެވެ.

އެ ބިލު ހުށަހެޅުމުގެ މަގްސަދަކީ ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވާ ހިންގައި އެކަންކަން ބެލެހެއްޓުމުގެ އިތުރުން ކުނި މެނޭޖުކުރުމުގެ އުސޫލުތައް ކަނޑައެޅުމެވެ.

އެ ބިލުގައި ބުނާގޮތުގައި ވިޔަފާރިކުރާ ހުރިހާ ތަނަކުން ވެސް ކަސްޓަމަރުންނަށް ޕްލާސްޓިކް ކޮތަޅު ދޭއިރު އެ ކޮތަޅުން ދެ ރުފިޔާ ނަގަން ޖެހޭނެއެވެ.

ނަމަވެސް ބައެއް ވައްތަރުގެ ޕްލާސްޓިކު ކޮތަޅުން ފީ ނުނަގާނެކަމަށް އެ ބިލުގައިވެއެވެ.

ފީ ނުނަގާ ޕްލާސްޓިކް ކޮތަޅުތައް

  • ޑިއުޓީ ފްރީ ފިހާރަތަކުން ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
  • ބަންދު ނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
  • ބަންދު ނުކޮށް ހުންނަ ކާޑުގެ ބާވަތްތައް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
  • 50 ކޮތަޅު ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި
  • ކުނި މެނޭޖުކުރުމުގެ ކަންކަން ފޯރުކޮށްދޭ ފަރާތްތަކުން ކުނި އެޅުމަށް ޚާއްސަކޮށް ވިއްކާ ކޮތަޅު

އެ ބިލު ފާސްވެ ޤާނޫނަކަށް ވާތާ އެއް މަސް ތެރޭގައި ކޮތަޅުން ފީ ނަގަން ފަށަންޖެހޭނެކަމަށް ވެސް އެ ބިލުގައިވެއެވެ. އަދި ވިޔަފާރި ކުރުމުން ދޭ ބިލުގައި ވެސް ކޮތަޅުން ފީ ނަގައިފައިވާކަން އެގެން ހުންނަން ޖެހޭނެކަމަށް ވެސް ބިލުގައިވެއެވެ.

އެ ބިލުގައި ވާގޮތުން މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ވިޔަފާރިތަކަކުން ޕްލާސްޓިކު ކޮތަޅުން ނަގާ ދެ ރުފިޔާގެ ފީ އެ އިދާރާއަށް ދައްކަން ޖެހޭނެއެވެ.

ފިހާރައެއްގައި މީހަކު ޕްލާސްޓިކް ކޮތަޅެއް ހިފައިގެން --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙުސައިން

އެ ބިލުގައި އިތުރަށް ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި އެތެރެކުރުމުގެ އިތުރުން ބާޒާރަށް ނެރުމަކީ މަނާކަމެއް ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ސޮއި ކުރައްވައި މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ގެޒެޓު ކޮށްފައިވާ ގަރާރުގައި ވަނީ ޕްލާސްޓިކުން ތައްޔާރު ކޮށްފައި ހުންނަ އެއްޗެއްހީގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕާލްސްޓިކުގެ ތެރެއިން 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުމަކީ ވަކި ތާރީޚަކުން ފެށިގެން މަނާ ކަމެއް ކަމަށެވެ.

އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:

  • ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ، އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުން ކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ކާބޯތަކެތި ބަންދު ކުރާ ސްޓައިރަފޯމް ފޮށި
    ބާޒާރު ކުރަން ބޭނުން ކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު (އޮކްސޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގެ ނެތިފަނާވާ (ޑީގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭ ގޮތަށް)
  • ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓު ކުރާ ސުޕާރީ
  • 250 މިލިމީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުން ކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ ޕްލާސްޓިކް ތަށި
  • ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން

އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އުފެއްދުން މަނާ އަދި އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:

ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން
ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް (ފެން ފިޔަވައި)

އަންނަ ޑިސެމްބަރު މަހުން ފެށިގެން އުފެއްދުން މަނާ އަދި އަންނަ މާޗް މަހުން ފެށިގެން ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:

  • ބާޒާރު ކުރަން ބޭނުން ކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު (އޮސކްސޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގެ ނެތިފަނާވާ (ޑީގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭ ގޮތަށް)
  • 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން
  • ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން

ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ރާއްޖެއަށް އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ބަޔާންކޮށް ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

comment ކޮމެންޓް