އެސްޓީއޯގެ ޝިޕިން ކުންފުންޏަށް އާ ބޯޓެއް، މުވައްޒަފުން ހޯދަނީ

އެމްއެސްއެސް ގަލޭނާ ފުރަތަމަ ފަހަރަށް ރާއްޖެގެ ބަނދަރަށް ލަފަނީ - ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ޝިޕިން ސާވިސް(އެމްއެސްއެސް)އަށް އަށް އައު ކޮންޓެއިނާ ބޯޓެއް ގަނެ، ބޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފިއެވެ.

މިއަދު އެސްޓީއޯއިން އިއުލާނުކުރި ވަޒީފާތަކުގެ ތެރޭގައި އިންޖިނޭރުން، އިލެކްޓްރީޝަނުން އަދި މާސްޓަރުންގެ މަގާމު ހިމެނެއެވެ. މި ވަޒީފާތަކަށް ލިބޭ މުސާރަތައް ހުރީ 38،000ރުފިޔާއާ 115،000ރުފިޔާއާ ދެމެދުގައެވެ.

މީގެ އިތުރުން ސީމަނުންނާއި، ކައްކާއިންނާއި، މެސްބޯއީން އަދި ވެލްޑަރުންނާއި އޮއިލަރުން ވެސް ވަނީ ހޯދުމަށް އިއުލާނުކޮށްފައެވެ. އެ މަގާމުތަކުގެ މުސާރަ ހުރީ 15،000ރުފިޔާއާ 19،000ރުފިޔާއާ ދެމެދުގައެވެ.

މީގެ ކުރިން އެމްއެސްއެސްއަށް ވަނީ ކޮންޓެއިނާ ބޯޓަކާއި ބަލްކް ކެރިއަރެއް ގަނެފައެވެ. އެސްޓީއޯއިން ބުނީ އަލަށް ގެންނަ ކޮންޓެއިނާ ބޯޓަކީ ކުރިން ގެނައި ބޯޓެކޭ އެއް ފަދައިން 680 ކޮންޓޭނަރުގެ ބޯޓެއް ކަމަށެވެ.

އެމްއެސްއެސްއިން މީގެ ކުރިން ގަތް ދެ ބޯޓުން ވެސް ވަނީ ދިވެހީންނަށް ވަޒީފާ ދީފައެވެ. އޭގެ ތެރެއިން ބަލްކް ކެރިއާ ބޯޓު މިމަހުގެ ތެރޭގައި ރާއްޖެ އަންނާނެއެވެ.

ދެހާސް ވިހިވަނަ އަހަރުގެ ފެބްރުއަރީ މަހު އުފެދުނު އެމްއެސްއެސްއިން ވަނީ ކުރުމުއްދަތެއްގެ ތެރޭގައި ޝިޕިން ވިޔަފާރީގެ ތެރެއަށް ވަދެ، ރަނގަޅު އާމްދަނީއެއް ހޯދާފައެވެ. އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި ވާގޮތުން މިދިޔަ އަހަރު އެކުންފުނިން ވަނީ 141 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. އޭގެ ކުރީ އަހަރާ އަޅާބަލާއިރު އެއީ 331 އިންސައްތައިގެ ކުރިއެރުމެކެވެ.

comment ކޮމެންޓް