ބަދަލާއެކު، ގިނަ ޓީޗަރުންގެ މުސާރަ 20،000 ރުފިޔާއަށް

ސީއެޗްއެސްއީގެ ޓީޗަރު އައިމިނަތު ލިރާރާތު ކްލާހެއްގައި ކިޔަވައިދެއްވަނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ޓީޗަރުންގެ މުސާރައަށް ގެންނަ ބަދަލާއެކު، ގިނަ ޓީޗަރުންނަށް މުސާރައިގެ ގޮތުގައި 20،000 ރުފިޔާ ލިބޭނެ ކަން ހާމަކޮށްފިއެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުކޮށްފައިވާކަން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވަނީ އިއުލާނުކުރައްވަވައިފައެވެ.

މުސާރަ ބޮޑުކުރާ ކަން އިއުލާނުކުރެވުމަށްފަހު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ޓީޗަރުންގެ މުސާރަތަކަށް އަންނަ ބަދަލުތަކުގެ ތަފްސީލްތައް ހިއްސާކުރައްވަވައިފައެވެ.

ސުކޫލު ޓީޗަރުންގެ ގޮތުގައި 6815 މުވައްޒަފުންގެ ތެރެއިން ވަކި ވަކި ރޭންކުތަކަށް އަންނާނެ ބަދަލުތައް މިނިސްޓަރު އަމީރު ހިއްސާކުރެއްވިއިރު، ރޭންކު އެކެއްގެ ޓީޗަރުންގެ މުސާރައަށް 22 އިންސައްތައިގެ ބަދަލެއް، ރޭންކު 2 ގެ މުވައްޒަފުންނަށް 50 އިންސައްތައިގެ ބަދަލެއް އަދި ރޭންކު ތިނެއްގެ މުވައްޒަފުންނަށް 38 އިންސައްތައިގެ ބަދަލެއް ވަނީ ގެނެސްފައެވެ.

ޓީޗަރުންނަށް މީގެ ކުރިން ލިބެމުން އައި މުސާރައާއި ދެން ލިބޭނެ މުސާރަ

  • ރޭންކު 1- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 10،375ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 12,621 ރުފިޔާގެ މުސާރައެއް ލިބޭނެ
  • ރޭންކު 2- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 12,398ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 18,658 ރުފިޔާގެ މުސާރައެއް ލިބޭނެ
  • ރޭންކު 3- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 14,436ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 20،026 ރުފިޔާގެ މުސާރައެއް ލިބޭނެ

ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ ލީޑަރުން ޓީޗަރުންނަށް މީގެ ކުރިން ދެމުން އައި 1000 ރުފިޔާގެ އެލަވަންސް ވެސް ދެ ގުނަ ބޮޑުކުރުމަށް ނިންމައިފައިވާ ކަމަށާއި މީގެ ފަހުން 2000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މުސާރަ ބޮޑުކުރި ޓީޗަރުންގެ ތެރޭގައި ގުރުއާނާ ބެހޭ މަރުކަޒުގައި މަސައްކަތް ކުރާ ގުރުއާން ޓީޗަރުންނާއި ސަރުކާރު ޕްރީސުކޫލްތަކުގައި މަސައްކަތް ކުރާ ޕްރީ ސްކޫލު ޓީޗަރުންގެ މުސާރަ ވެސް ބޮޑު ވެގެން ދާނެ ކަމަށެވެ.

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އިތުރުކުރިކަން އިއުލާނު ކުރައްވަމުން ރައީސް ވިދާޅުވީ، ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ، ޤައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް ކަމަށެވެ.

މިއީ ޤައުމުގެ ތަރައްޤީގައި ޙިއްޞާވާ، ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެ ކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މި މުހިންމު ފެށުން، ތަޢުލީމީ ދާއިރާއިން ފެށުމަށް ނިންމި ސަބަބަ ކިޔައިދެއްވަމުން ރައީސް ވިދާޅުވިއެވެ.

"މިއީ ހެޔޮ ސާޢަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް. ޤައުމު ބިނާކުރުމުގައި އަދި ޤައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގައި ތަޢުލީމީ ދާއިރާއިން ފެށިގެން ޞިއްޙީ ދާއިރާއާއި އަދި އެނޫން ދާއިރާތަކުންވެސް ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި ރެޔާއި ދުވާލު އަވަދިނެތި އުޅުއްވާ ޚިދުމަތްތެރިން ރާއްޖޭގައި ވަރަށް ގިނަ," ރައީސް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް ރައީސް ފުރަތަމަ ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން ކަމަށް ވީހިނދު އެ މީހުންނަށް އެކަށީގެންދާ އުޖޫރައެއް ދިނުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް