ޝަރުއީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަޖިލީހަށް ފޮނުވަނީ

ބަންޑާރަ ނައިބު ރިފްއަތު -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް އޭޖީ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

އެ އޮފީހުން މިއަދު ބުނީ މިއަދު ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުންގެ ގާނޫނަށާއި، ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކެއް ކަމަށެވެ.

ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ޑިސްޓްރިކްޓް ކޯޓުތައް އުފެއްދުމާއި، ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ވަކި އަދަދެއްގެ ސާކިޓްތައް ގާއިމުކޮށް، އެ ސާކިޓްތަކަށް މެޖިސްޓްރޭޓުން އައްޔަނުކުރާ ގޮތަށް ހެދުން ހިމެނެއެވެ.

އޭޖީ އޮފީހުން ބުނީ ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރުމުގެ މައިގަނޑު މަގުސަދަކީ ފަނޑިޔާރުންނަކީ އިތުބާރު ދެމެހެއްޓޭ ފަދައިން ޒިންމާ އަދާކުރާ ބައެއްކަން ކަށަވަރުކުރުމަށް ބޭނުންވާ އުސޫލުތައް ގާނޫނުގައި ކަނޑައެޅުން ކަމަށެވެ.

އެގޮތުން، ފަނޑިޔާރުންގެ މަސައްކަތު ފެންވަރު ބެލުމާއި ގުޅޭ ގޮތުންނާއި، ސަލާމަތާއި ރައްކާތެރިކަމާއި، ވިޔަފާރިއާއި މާލީ މުއާމަލާތް ކުރުމާ ގުޅޭ އުސޫލުތައް އިސްލާހުކުރުމަކީ މި އިސްލާހުގެ މަގްސަދެއް ކަމަށް އެ އޮފީހުން ބުނެއެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އެންމެ މުހިއްމު ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

comment ކޮމެންޓް