ސަލްމާން މިސްކިތް ހުޅުވުމާއެކު ދިވެހީން އުފަލުން، އެހެން މިސްކިތްތަކަށް ބާރުކުޑަ

ސަލްމާން މިސްކިތު ގޯތިތެރެ ފުރިފައި -- ސަން ފޮޓޯ/ އަހްމަދު އާޒިފް

ހިތުއަޅައިގެން ހުރީ މިއަދު ހުކުރު ނަމާދަށް ސަލްމާން މިސްކިތަށް ދިއުމަށެވެ. ހުކުރު ނަމާދުން އެ ޗާލޫ މިސްކިތް ހުޅުވުމުން އެ މިސްކިތަށް ދާން ހުރީ ކެތްމަދުވެފައެވެ.

އެހެންކަމުން، 12:15ހާއިރު މިސްކިތަށް އަރަން ސަލްމާން މިސްކިތް ކައިރިއަށް ގޮސްފީމެވެ. ދިޔައިރު، މިސްކިތް ފުރިފައި އޮންނާނެއެކޭ ހިތަކަަށް ނާރައެވެ. އެހެން ނަމަވެސް، ކަމަކުދާކަށް ނެތެވެ. އީދު ނަމާދެއްގެ ބޮޑު ޖަމާއަތަކަށް މީހުން ޖަމާވާހެން އެތަނަށް މީހުން ޖަމާވެފައި އޮތެވެ.

ސަލްމާން މިސްކިތުގެ ދެފަޅިއަށް އޮތް ބޮޑު ދެ ޕާކިން ޒޯނު ވެސް ފުރި، މަގުމަތީގައި ޕާކު ކުރަނީއެވެ. އާޓިފިޝަލް ބީޗު ކައިރިން ގޮސް، މަޖީދީ މަގާ ހަމައަށް ސައިކަލުތައް ދަމައިލައިފައިވެއެވެ.

ސަހަރޯ ހިތަށް އެރިއެވެ. އެހެން ނަމަވެސް ފެންނަނީ އުފާވެރި މަންޒަރެކެވެ. ﷲގެ ހަޒްރަތަށް ކުއްތަންވެ އަޅުކަން އަދާކުރުމަށް ޓަކައި، ކޮވިޑް-19ގެ އާލަމީވަބާގެ ފަހުން މާލޭގައި މިހާ ގިނަ ބަޔަކު އެއްތަނަކަށް މި އެއްވީ އަލަށް ކަންނޭނގެއެވެ.

ސަލްމާން މިސްކިތަށް ހުކުރު ނަމާދަަށް ގިނަ ބަޔަކު ވަނީ ގޮސްފައި -- ސަން ފޮޓޯ/ އަހްމަދު އާޒިފް

ފޮޓޯ ނަގާ މީހުން ފޮޓޯ ނަގަނީއެވެ. ކުޑަކުދިންގެ އަތުގައި ހިފައިގެން ބައްޕައިން މިސްކިތަށް އަރަނީ ހިނިތުންވެ ތިބެއެވެ. އެ ކުދިން މިސްކިތާ ގުޅޭ ގޮތުން އެކިކަހަލައިގެ ސުވާލުތައް ކުރާ އަޑު ވެސް ބައެއް ފަހަރަށް އެތާ ހުރި އިރު އިވުނެވެ.

ސަލްމާން މިސްކިތް ދިވެހީންނަށް ބޭރުން ފެންނަތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. އެތަނުގެ ރީތިކަމުގެ ވާހަކަ ދައްކާތާ އެތައް ދުވަހެއް ވެެއްޖެއެވެ. އެ ރީތި މިސްކިތުގައި ނަމާދު ކުރުމުގެ ފޮނި ހުވަފެން ދެކޭތާ ވެސް މިހާރު ލައްކަ ދުވަސްްވެއްޖެއެވެ.

"މިދިޔަ ރޯދަ މަހު ވެސް މިތަން ހުޅުވާ ވާހަކަ ދައްކާފަ ނުހުޅުވީމަ ވަރަށް ދެރަވި. ހަމަ އަސްލު ވެސް މިތަނުގައި ނަމާދު ކުރާ ހިތުން ކެތްމަދުވެފައި މި ހުރީ،" މިސްކިތަށް އަރަންދިޔަ އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

މިސްކިތުގެ ފޮޓޯއެއް ނެގުމަށް ހުއްޓައި، ދެން ފެނުނީ މިސްކިތަށް އެރި ބައެއް މީހުން ފައިބައިގެންދާ މަންޒަރެވެ. ވީ ކިހިނެއްތޯ އަހައިލުމުން ބުނީ މިސްކިތް ފުރިއްޖެ ކަމަށެވެ.

އެކަމަކު އެވަރުން ނުނިމެއެވެ. މިސްކިތު ގޯތި ތެރޭގައި، ރަތްދައްކާ އަވީގައި ސަފު ހަދަން ފަށައިފިއެވެ. ސަލްމާން މިސްކިތް ހުޅުވުމާއެކު ދިވެހީން "އުފަލުން" ތިބި ވަރު ވަރަށް ރަނގަޅަށް ވެސް ހާމަވިއެވެ.

ސަލްމާން މިސްކިތަށް މިއަދު ގިނަ ބަޔަކު ޖަމާވި -- ސަން ފޮޓޯ/ ޢާލިމް އަބްދުއްލަތީފް

މިސްކިތް ފުރުމުން އެތަނުގައި މަޑެއް ނުކުރަމެވެ. އަވަހަށް ދިޔައީ އިސްލާމީ މަރުކަޒަށެވެ.

މިފަދަ ޖާގަ ބޮޑު މިސްކިތެއް މާލޭގައި ހުޅުވުމަކީ އެހެން މިސްކިތްތަކަށް ވަރަށް ބޮޑަށް ބާރުކުޑަ ވާނޭ ކަމެކެވެ. ހުކުރު ނަމާދުގައި މިސްކިތުން ބޭރުވެ މަގުމަތީގައި ނަމާދުކުރުން ހުއްޓިދާނެކަމެއްހެން ވެސް ހީވެއެވެ.

މިއަދު ފެނުނީ އެ މަންޒަރެވެ. މީގެ ކުރިން، ކޮންމެ ހުކުރު ދުވަހެއްގައި ވެސް ފުރޭ އިސްލާމީ މަރުކަޒަށް މިއަދު ބާރު ކުޑައެވެ. މިސްކިތް ފުރި އެތަނުގެ ބޭރުގައި ވެސް އެހެން ހުކުރު ދުވަސްތަކުގައި ނަމާދުކުރާއިރު، މިއަދު މިސްކިތްތެރެ ނުފުރެއެވެ.

އެތަނުގައި ޕާކު ކުރަން ތަންކޮޅެއް ހޯދުން އެހެން ދުވަސްތަކުގައި ބޮޑު ވޭނަކަށް ވާއިރު، މިއަދު އެކަން ވީ ވަރަށް ފަސޭހަ ކަމަކަށެވެ.

އިސްލާމީ މަރުކަޒަށް މިއަދު ބާރުކުޑަ -- ސަން ފޮޓޯ/ އާލިމް އަބްދުއްލަތީފް

މާލޭގެ އެހެން މިސްކިތްތަކުގައި ވެސް މިއަދު ބާރު ކުޑައެވެ. ބައެއް މީހުންނާ ވާހަކަ ދައްކާލުމުން އެކަން އެނގުނެވެ.

"ޖަލާލުއްދީން މިސްކިތަށް ދިޔައީ މިއަދު. އެހެން ދުވަސް ދުވަހަށް މަގުމަތީގައި ސަފު ހަދާނެ އެކަމަކު މިއަދު ނުހަދާ،" ޖަލާލުއްދީން މިސްކިތަށް ދިޔަ ރައްޓެއްސަކު ބުންޏެވެ.

ޖާގަ ތަނަވަސް، ޒަމާނީ މިސްކިތެއް

ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްގެން ބިނާކުރި، މިސްކިތުގެ ފުރަތަމަ ދެ ފްލޯގައި 4000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. ތިން ވަަނަ ފްލޯގައި ހަތަރު ކްލާސްރޫމް ހުންނައިރު ހަތަރު ވަނަ ފްލޯގައި ލައިބްރަރީއެއް އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުރެއެވެ. އޭގެ އިތުރުން، ފަސްވަނަ ފްލޯގައި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ވަނީ ގާއިމްކޮށްފައެވެ. އިމާރާތުގެ އެކި ހިސާބުތަކަށް އެރުމަށް ލިފްޓް ބަހައްޓާފައި ހުރެއެވެ.

ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަހެވެ. މި މަހުގައިިިިިި އަޅުކަމުގައި މަޝްއޫލުވުމަށް އަޒުމު ކަނޑައަޅާމާ ހިނގާށެވެ. ރީތިރީތި ސަލްމާން މިސްކިތް ވެސް ހުޅުވުމާއެކު އުފަލުން ތިބެއެވެ.

comment ކޮމެންޓް