ފާހިޝް ދައުވަތުތަކަށް އިންކާރުކުރާ މީހާއަށް އަރުޝީގެ ހިޔާވަހިކަން ދެއްވާނެ: ޚުތުބާ

އިސްލާމީ މަރުކަޒުގައި މީހުން ހުކުރު ޚުތުބާ އަޑު އަހަނީ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ރީތި އަންހެނަކު ފާހިޝް ކަމަކަށް ދައުވަތު ދިނުމުން އެކަމަށް އިންކާރު ކުރާ މީހާއަށް މަޙުޝަރު ދުވަހުން މާތް ﷲ އަރުޝީގެ ހިޔާވަހިކަން ދެއްވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މަޙުޝަރުގައި އަރުޝީގެ ހިޔާވަހިކަން ލިބޭ މީހުންގެ ވާހަކަ ބަޔާންކޮށް ހަތް ބާވަތެއްގެ މީހުންނަށް އެ ދުވަހު އަރުޝީގެ ހިޔާވަހިކަން ލިބޭނެކަމަށް ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ.

ފާހިޝް ކަމަކަށް އެދުމުން އިންކާރު ކުރާ މީހުންގެ ވާހަކަ ވެސް ބަޔާން ކޮށްފައިވަނީ މި މީހުންގެ ތެރޭގައެވެ.

"ޤިޔާމަތް ދުވަހުގެ ގަދަ ހޫނާއި ދިލައިން، ރައްކާތެރިކޮށްދެއްވާ މީހުންގެ ތެރޭގައި ހިމެނޭ އެއް ބަޔަކީ ރީތި، މުއްސަނދި، މަތިވެރި، ހަސަބާއި ނަސަބުން މޮޅު އަނހެނަކު، ފާހިޝް ކަމަކަށް ދައުވަތު ދިނުމުން، އަހުރެން މާތް ﷲ ގެ އަޒާބަށް ބިރުވެތިވަމޭ ބުނެ އެ ދައުވަތާ ދުރުހެލިވާ މީހާއެވެ،" ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން، ޚުތުބާގައި ވަނީ ހަތް ބާވަތެއްގެ ބަޔަކަށް ގިޔާމަތް ދުވަހު ﷲ ގެ ހިޔާވަހިކަން ލިބޭނެކަން ފާހަގަ ކޮށްފައެވެ

އޭގެ ތެރޭގައި ހިމެނެނީ، އަދުލުވެރި އިމާމުންނާއި، އޭނާގެ ވެރި ރަސްކަލާންގެއަށް އަޅުކަންކުރުން މަތީ ބޮޑުވި ޒުވާނާއާއި، މިސްކިތަށް ހިތް ޖެހިފައިވާ މީހާއާއި، ﷲ ގެ ވަޖުހުފުޅަށްޓަަކައި އެކަކު އަނެކަކު ދެކެ ލޯބިވެ، އެކުގައި އުޅެ، އެގޮތުގައި ވަކިވެ ދިޔަ ދެ މީހުންނާއި، ހަސަބާއި ނަސަބުން މަތިވެރި، ރީތި އަންހެނަކު، ފާހިޝް ކަމަކަށް ދައުވަތު ދިނުމުން އަހުރެން ﷲ ދެކެ ބިރުގަނެއޭ ބުނެ އެކަމާ ދުރުހެލިވާ މީހާއާއި، ކަނާއަތުން ސަދަގާތްކުރި އެއްޗެއް ވާއަތަށް ވެސް ނޭނގޭ މިންވަރަށް ވަންހަނާ ކުރި މީހާގެ އިތުރުން އެކަނި އިނދެ ﷲ ގެ މަތިން ހަނދުމަކޮށް ކަރުނަ އޮހޮރި މީހާއެވެ.

މިގޮތުން އަދުލުވެރި ވެރިޔާގެ ވާހަކަ ބަޔާންކޮށް ޚުތުބާގައި ބުނީ މާތް ރަސޫލާ އެކަމާ ގުޅިގެން ކުރެއްވި ހަދީޘް ބަސްފުޅެއްގައި އަދުލުވެރި ވެރިންގެ ވާހަކަ ފުރަތަމަ ބަޔާން ކޮށްފައިވަނީ ވެރި މީހާ ރަނގަޅުވެއްޖެ ނަމަ އެ ގައުމުގެ ރައްޔިތުން ރަނގަޅުވާނެތީ ކަމަށެވެ. އަދި ވެރި މީހާ ހިންގުންތެރި ވެއްޖެ ނަމަ ގައުމު ފާގަތިވެ އާންމު ވާނެތީ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

އަޅުކަމުގެ މަތީގައި ބޮޑުވި ޒުވާނާއަށް އަރުޝީގެ ހިޔާވަހިކަން ލިބެނީ އޭނާގެ ފުރާވަރުގެ އުމުރުގައި ހަވާ ނަފުސުގެ ގޮވުންތަކަށް އިޖާބަ ނުދީ ﷲ ގެ އަމުރުފުޅުތަކާއި ނަހީތަކަށް އިޖާބަދިން ޒުވާނާއަކީ ﷲ އަށް ތެދުވެރި ޒުވާނަކަށް ވާތީ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

"އިލްމުވެރިން ވިދާޅުވާ ގޮތުގައި، މިސްކީނުންނަށާއި، ފަޤީރުންނަށް އަޅައިނުލާ މުޖުތަމައެއްގައި، ފާޅުކޮށް ސަދަޤާތް ކުރުމަކީ މީހުންނަށް އެކަމަށް ހިތްވަރުދިމައްޓަކައި ކުރަން އެދެވިގެންވާ ކަމެކެވެ. މިއާ ޚިލާފަށް ފަގީރުންނާ މިސްކީނުންނަށް ހެޔޮ ފޯރުވާ މުޖުތަމައެއްގައި، ރަނގަޅު ގޮތަކީ ސަދަގާތް ވަންހަނާ ކުރުމެވެ،" ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން ވެސް ޚުތުބާގައި ވަނީ މަޙުޝަރުގެ ބިރުވެރިކަން ހާމަކޮށް، އެ ދުވަހު އިރު ހުންނާނީ މީސްތަކުންގެ ބޯތަކާ ވަރަށް ކައިރީގައި ކަމަށް ވެސް ބުނެފައެވެ. އަދި، އެ ދުވަހު ހަމައެކަނި ލިބޭނެ ހިޔާއަކީ އަރުޝީގެ ހިޔާކަން ވެސް ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

comment ކޮމެންޓް