ޓިނުތައް ހަލާކުވެ، އިސްލާމީ މަރުކަޒު ތެރެއަށް ވާރޭ ވެހޭތީ މަރާމާތުކުރަނީ

އިސްލާމީ މަރުކަޒު: އެ ތަނުގެ ޓިނުތައް ހަލާކުވެ އެތެރެއަށް ފެންފައިބާތީ މަރާމާރާތުކުރަން ވަނީ ފަށާފައި -- ސަން ފޮޓޯ

އިސްލާމީ މަރުކަޒުގެ ހުރިހާ ފަރާތެއްގައި ހުރި ޓިނުތައް ހުރީ ހަލާކުވެފައިވާ ކަމަށާއި އެހެންވެ، ޓިނު ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގެ ޓިނުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ވިއްސާރަ ދުވަސްތަކުގައި އެ ތާގެ ތެރެއަށް ވިއްސާރަ ވެހެއެވެ. އެހެންވެ، އެތެރޭގައި ބާލިދީ ބަހައްޓަން ވެސް ޖެހެއެވެ.

ވަޒީރު ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމީ މަރުކަޒުގެ ފުރާޅުގެ ހުރިހާ ފަރާތެއްގައި ހުރި ޓިނުތައް ހުރީ ހަލާކުވެފައި ކަމަށެވެ. އެހެންވެ، ވިއްސާރަ ދުވަސްތަކުގައި އެތެރޭގެ ތަންތާ ބާލިދީ ބަހައްޓާފައި ހުންނަ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"އެ ތަނުގައި ޖަހާ ޓިނު ލިބެނީ ބޭރުން، މަސައްކަތް ކުރިއަށް އެބަދޭ،" ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެ މަސައްކަތަށް ދެ މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އެކަމަކު، މަސައްކަތް ނިންމައިލެވޭނެ ސީދާ ތާރީޚެއް ވިދާޅެއް ނުވެއެވެ.

މީގެ އިތުރުން، މަރާމާތުނުކޮށް ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން މިދިޔަ ޕީޕީއެމް ސަރުކާރުގައި އިމާރާތްކުރި ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމްތަކުގެ ބޮޑު ބައެއް ވެސް ހަލާކުވެފައިވާ ކަމަށް ޝަހީމް މިއަދު ވިދާޅުވިއެވެ. އެ ތަކެތި މަރާމާތުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ބޭރުގެ ކޮންސަލްޓެންޓުންގެ އެހީގައި ސިސްޓަމްގެ ބައެއް ބައިތައް މަރާމާތުކޮށް، ނަމާދު ކުރާ ފަންގިފިލާތަކަށް މިހާރުވާނީ ފިނިވާގޮތް ހަދާފައި،" ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމުން ހަލާކުވެފައިވާ ބައިތައް ރާއްޖެއިން ނުލިބޭ ކަމަށާއި އެ ބައިތައް ބޭރު ގައުމަކުން ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެކަމަކު، އެ މަސައްކަތް ވެސް އެއްކޮށް ނިންމައިލެވޭނެ ސީދާ ތާރީޚެއް އަދި ޚަރަދުވާ އަދަދުގެ ތަފުސީލެއް ވަޒީރު ވިދާޅެއް ނުވެއެވެ.

ތިންވަނަ ދައުރެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުކަން ކުރައްވަމުން ގެންދަވާ ޝަހީމް ގެންދަވަނީ މިސްކިތްތަކުގެ މަރާމާތާއި އާބާތުރަ ފިލުވުމަށް ބޮޑު އިސްކަމެއް ދެއްވަމުންނެވެ.

comment ކޮމެންޓް