ގަމު ހޮސްޕިޓަލުގެ ހާލަތު ގޯސް، މައްސަލަ ކޮމިޓީއަށް

ލ. ގަން ރީޖަނަލް ހޮސްޕިޓަލް ---

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ދަށް ކަމަށް ބުނެ މަޖިލީހަށް ހުށަހަޅައިފައިވާ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލަކީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ނިންމައިފައިވީނަމަވެސް، އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ދަށަށްދާ ކަމަށް ބުނެ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަޖިލީހަށް މައްސަލަ ހުށަހަޅައިފައިވަނީ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދެވެ.

މި މައްސަލައިގެ ބަހުސަށްފަހު، މައްސަލަ އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވަން ފެނޭތޯ ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 16 މެންބަރުން ވޯޓު ދެއްވައިފައިވެއެވެ.

ސަޢީދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާނުކޮށްފައިވީނަމަވެސް، ހޮސްޕިޓަލުގެ ފެންވަރު ދުވަހުން ދުވަހަށް ދަށަށްދާ ކަމަށެވެ.

ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ދަށްވެ، ފަރުވާ ކުޑަވުމުގެ ސަބަބުން، ބަލިމީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ގިނަ މައްސަލަތަކެއް ހިނގައިފައިވާ ކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

"ކޮންމެހެން ޑޮކްޓަރުން ތިބެންޖެހޭ މުހިއްމު ބަލިތަކަށް ޑޮކްޓަރުން ނެތުމާއި ޓެސްޓުތައް ހެދެން ނެތުމާއި، ވަސީލަތްތަކާއި އިމާރާތްވެސް މަރާމާތު ނުކުރެވި ހަލާކުވަމުމުންދާތީއާއި، ބޯޑުގެ ދަށަށް ބަދަލުކުރެވިފައިވާ މުވައްޒަފުންގެ ކަންކަންވެސް ނުބެލެހެއްޓި ހޮސްޕިޓަލުން ދެމުންދާ ޚިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދާތީ،" ސަޢީދު ވިދާޅުވިއެވެ.

މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔައިފައެވެ. އަދި މި މައްސަލައާ ދެކޮޅަށް ވޯޓު ދެއްވި މެންބަރުންނަށް ވެސް ފާޑުކިޔައިފައިވެއެވެ.

ހޮސްޕިޓަލުގެ ހާލަތު ގޯސްވެފައިވާ ކަމަށް ލ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވެސް ވަނީ މައްސަލައަށް ބަހުސް ކުރައްވަމުން ވިދާޅުވެފައެވެ.

"އެކްސްރޭއެއް ނުނެގޭތާ މިހާރު ތިން މަސް، ދަތުގެ ފަރުވާއެއް ނުލިބޭތާ މިހާރު އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ، ސްކޭން ޑޮކްޓަރެއް އެއްގޮތަކަށް ނެތްތާ ހަ މަސްވީ، މިހެން ކިޔަން ބައިވަރު ކަންކަން،" ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ހޮސްޕިޓަލުގައި ހުރި މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް އެތައް ފަހަރަކު ގެނެސްފައިވާ ކަމަށާއި އެހެންނަމަވެސް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށެވެ. އަދި މި ސަރުކާރު އައުމަށްފަހު، ހޮސްޕިޓަލުގެ ހާލަތު އިހުނަށް ވުރެ ގޯސްވެފައިވާ ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.

މި މައްސަލައިގެ ބަހުސް މިއަދު ކުރިއަށް ދިޔައިރު، ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެފައިނުވެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުގެ އެހެން ރަށްތަކުގެ އިތުރުން ކައިރި ބައެއް އަތޮޅުތަކުގެ މީހުން ވެސް ފަރުވާ ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލު މިހާރު ހިންގަމުން އަންނަނީ ބޯޑެއްގެ ދަށުންނެވެ.

comment ކޮމެންޓް