މިއީ އެންމެ ބޮޑު، އެންމެ ކާމިޔާބު ވިޔަފާރި ފޯރަމް: މިނިސްޓަރު

އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު: އޭނާ ވިދާޅުވީ، މިއީ އެންމެ ކާމިޔާބު ވިޔަފާރީ ފޯރަމް ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

މިހާރު ޗައިނާގައި ކުރިއަށްދާ 'އިންވެސްޓް މޯލްޑިވްސް 2024' ފޯރަމަކީ މިހާތަނަށް އެންމެ ގިނަ ވިޔަފާރިވެރިން ބައިވެރިވާ، އެންމެ ކާމިޔާބު ވިޔަފާރި ފޯރަމަށްވާނެ ކަމަށް އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާއާ އެކު ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ރައީސް މުއިއްޒު ގެންދަވަނީ އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ޗައިނާއަށް ކުރައްވަމުންނެވެ.

ދަތުރުފުޅުގެ ތެރެއިން 'އިންވެސްޓް މޯލްޑިވްސް 2024' ގެ ނަމުގައި ޗައިނާގެ ފޫޖޯ ޕްރޮވިންސްގައި އަންނަނީ ވިޔަފާރި ފޯރަމެއް ކުރިއަށް ގެންދަމުންނެވެ. ވަޒީރު ވިދާޅުވީ، މިއީ އެންމެ ގިނަ މީހުން ހާޒިރުވި ވިޔަފާރި ފޯރަމް ކަމަށާއި މިއީ އެންމެ ކާމިޔާބު ވިޔަފާރި ފޯރަމް ކަމަށެވެ.

ވަޒީރު ވިދާޅުވީ، ފޮރިން އިންވެސްޓްމެންޓުގެ އަލީގައި ފަތުރުވެރިކަން ކުރިއަރުވައި އިގުތިސާދު ސިންދަފާތު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

"ޗައިނާގެ އެތައް ސަތޭކަ ވިޔަފާރިއަކުން އިންވެސްޓް މޯލްޑިވްސް ވިޔަފާރި ފޯރަމަށް ދެއްވި ތަރުހީބަށް އުފާކުރަން،" ސައީދު ވިދާޅުވިއެވެ.

އެ ފޯރަމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިޔަފާރިތަކާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން، ރާއްޖޭގައި ހުރި އިންވެސްޓްމެންޓު ފުރުސަތުތަކަށް ވެސް އެ މަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ.

އޭގެ އިތުރުން ވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޗައިނާއާ އެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށަން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވައިފައެވެ.

އަދި، ކޮވިޑުގައި ކުރީގައި އޮތްހެން ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައަށް އަލުން ޗައިނާ ހަދައިދޭން ވެސް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މިހާރު ރައީސް ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އިގުތިޞާދީ ގޮތުންނާއި އެހެން ދާއިރާތަކުން ވެސް ގިނަ މަޝްވަރާތަކެއްް ކުރައްވާނެއެވެ. އަދި ގިނަ އެއްބަސްވުންތަކެއްގައި ވެސް ސޮއިކުރައްވަން ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް