އިހަވަންދިއްޕޮޅު މަޝްރޫއުގެ އެއްބަސްވުން ރިވިއުކުރަނީ، ހުއްޓައެއް ނުލާ

އިގުތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު: އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތްދޭން ކުރީ ސަރުކާރުން ހެދި އެއްބަސްވުން ރިވިއުކުރާ ކަމަށް މިއަދު ވަޒީރު ވިދާޅުވި -- ފޮޓޯ/ މަޖިލިސް

ބޭރުގެ އާގު ބޯޓުފަހަރަށް ތެޔޮ އެޅުމާއި ސާވިސް ދިނުމަށް އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ބަންކަރިން ޚިދުމަތުގެ މަޝްރޫއު ހުއްޓައިނުލާ ކަމަށާއި، އެކަމަކު، އެ އެއްބަސްވުން މި ސަރުކާރުން ރިވިއުކުރަމުންދާ ކަމަށް އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިހަވަންދިއްޕޮޅަކީ ބޭރުގެ ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ކަނޑުއުޅަނދުފަހަރާ ގުޅުންހުރި ވިޔަފާރިތައް ހިންގޭ ގޮތަށް، ޒަމާނީ ބަނދަރެއް އަޅަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ސަރުކާރުން އިއުލާންކުރި ނަމަވެސް، އެ މަޝްރޫއު ހިންގިފައިނުވެއެވެ. ނިމުނު އެމްޑީޕީ ސަރުކާރުގައި ވެސް އެ މަޝްރޫއު ހިންގަން ތަފާތު ތާރީޚުތައް ދެއްވި ނަމަވެސް މަޝްރޫއު ކުރިއަކަށް ނުގެންދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވަނީ އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓު ބަނދަރެއް ތަރައްގީ ކުރެވެންދެން އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓު ފަހަރަށް ބޭނުންވާ ޚިދުމަތްދޭން ކުރީ ސަރުކާރުންވެފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

ސަލީމްގެ ސުވާލަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ، އެ އެއްބަސްވުން ސޮއިކޮށްފައިވަނީ އެސްޓީއޯއާއި އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (ޔޫސީސީ)އާ އެކުގައި ކަމަށެވެ.

"އަޅުގަނޑު ޗެކްކޮށްލިން އެސްޓީއޯއިން އެ އެމްޔޫއޯ އެކްޓިވްކޮށްތޯ އޮތީ، ވިދާޅުވީ އެކްޓިވްކޮށްނޭ އޮތީ،" ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން [މަޝްރޫއު ކުރިއަށް ގެންދާނެ ގޮތަކާ މެދު] އަދި ވަކި ގޮތެއް ނުއެއް ނިންމަން، އަޅުގަނޑުމެން މިހާރު ކުރިއަށް ގެންދަނީ މި ކަހަލަ އެތައް ކަމެއް ރިވިއުކުރުމުގެ މަސައްކަތް. އެއީ، ދެ ކުންފުންޏެއް ދޭތެރޭގައި ސޮއިކޮށްފައި އޮތް އެމްޔޫއޯއެއް،"

އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު: ވަޒީރު މިއަދު ވިދާޅުވީ އިހަވަންދިއްޕޮޅު ބަނދަރުގެ މަސައްކަތް ހުއްޓައިނުލާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

ވަޒީރު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތާއި ދެން ވެސް އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރަށް ދޭންޖެހޭ ޚިދުމަތްތައް އިންވެސްޓްމަންޓެއް ގޮތުގައި ކުރިއަށް ގެންދާނެ ކަމަށެވެ. ކުރީ ސަރުކާރުން ސޮއިކުރި އެމްޔޫއޯއަކީ އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތްދިނުމަށްޓަކައި ގަތަރުން ސޮއިކުރި ކުންފުންޏަށް އެ މަޝްރޫއު ޕާޓްނާޝިޕަށް ދެވިދާނެތޯ ބެލުމަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

އިތުރު ސުވާލުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވަނީ އިހަވަންދިއްޕޮޅުގައި އަޅަން ނިންމި ޕޯޓު ލާމު އަތޮޅަށް ބަދަލުކުރީތޯ ސުވާލުކޮށްފައެވެ.

"އިހަވަންދިއްޕޮޅުގައި އަޅަން ގަސްތުކުރާ ޕޯޓެއް ލާމު އަތޮޅަކަށް ބަދަލެއް ނުކުރޭ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކީ އިހަވަންދިއްޕޮޅުގައި ވެސް ޕޯޓު ގާއިމުކޮށް، އަދި އެ ތާގައި ކުރެވޭނެ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމާ އެކުގައި ހަމަ ލާމު އަތޮޅުގައި ވެސް ބަނދަރެއް ގާއިމުކުރުން،" ސައީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ޕޯޓެއް އެހެން އަތޮޅަކަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިނުވާނެ ކަމަށެވެ. އަދި، ސަރުކާރުގެ ވިސްނުމަކީ ވެސް އެ ޕޯޓުގެ މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން "އައިހެވަން"ގެެ ނަމުގައި އިހަވަންދިއްޕޮޅުގައި އިންޓަގްރޭޓޭޑް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށްފައި ވަނީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރާ ގޮތަށެވެ. އެކަމަކު، މިއަދާ ހަމައަށް ވެސް އެ މަޝްރޫއު ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

comment ކޮމެންޓް