ބޮންޑޭގެ ފާޑުކިޔުން ފައްޔާޒަށް: ހަކުރު ދެންޏާ 'ބިގް ބްރޯ' ވާނެ، ފަހަތުން މެހިގަނޑު ދުވާނެ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)--

ހަކުރު ދެންޏާ "ބިގްބްރޯ" ވާނެ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބޯމަތިވެފައިވާއިރު، އެމްޑީޕީގެ ދެ ފެކްޝަނުގެ ކޯޅުން ވަނީ ބޮޑުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ބޮންޑޭ ވަނީ ފައްޔާޒާއި ފައްޔާޒަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ކޯޓުތަކުގެ ގާނޫނަށް ސަރުކާރުން ހުށަހަޅައިފައިވާ އިސްލާހުތަކަށް ފާޑުވިދާޅުވެ، ބޮންޑޭ ވަނީ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމާމެދު ސުވާލު އުފައްދަވައިފައެވެ.

ބޮންޑޭ ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފޮޓޯ ޖައްސަވައިގެން، މަޖިލީހަށް އިންތިޚާބުވެފައިވާ ގިނަ މެންބަރުން އިންސާފު ހޯއްދަވަން މަސައްކަތް ކުރެއްވުމުގެ ބަދަލުގައި "ހަކުރު ގަނޑެއް ފަހަތުން މެހި ދުވާ ގޮތަށް" އުޅެމުން ދާ ކަމަށެވެ.

"ރައީސް ނަޝީދު ގުރުބާން ވެގެން، އެތައް މަސައްކަތްތަކެއް ކޮށްދިނީ މި ރާއްޖޭގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމާއި ރާއްޖޭގައި ޑިމޮކްރެސީ އަށަގެނުވުމަށް ޓަކައި ކުރި މަސައްކަތްތަކެއް އެ މަނިކުފާނު، މިހާރު އެ މަނިކުފާނެއް ވެސް ނެތް، އެކަމަކު އިންތިޚާބުގައި އެ މަނިކުފާނުގެ ފޮޓޯ ޖަހައިގެން ހުރިހާ އެންމެން މިތަނަށް ހޮވިފަ، ހަކުރުގަނޑު ވަށައިގެން،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވާހަކަދައްކަވަމުން ގެންދަވަނިކޮށް، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ވަނީ ނިޒާމީ ނުކުތާ ނަންގަވައި، ބޮންޑޭ އިޝާރާތް ކުރައްވަމުން ގެންދަވާ ހަކުރު ގަނޑަކީ މިނިސްޓަރު ފައްޔާޒުތޯ ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބުު ދެއްވަމުން އޭނާ ވިދާޅުވީ އެއީ ވަކި ފައްޔާޒުގެ ވާހަކައެއް ވެސް ނޫން ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ފައްޔާޒެއްގެ ވާހަކައެއް ވެސް ނޫން، ދިވެހިން ބުނެ އުޅޭ ހަކުރު ދެންޏާ ބޮޑުބޭބެ އެއްގެ ވާހަކަ، އެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ، ހަކުރު ދެންޏާ ބިގް ބްރޯ ވާނޭ، ހަކުރު ދެންޏާ ބިގް ބްރޯ ވާނެޔޭ. ބިގް ބްރޯ ފަހަތުން މެހިގަނޑު ދުވާތީއޭ އަޅުގަނޑު މި ވާހަކަ މި ދައްކަނީ، އެއީ އަދި އެހެން ބްރޭންޑެއް،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ އިޝާރާތް ކުރެއްވި "ހަކުރު ގަނޑަކީ" ފައްޔާޒް ނޫން ކަމަށް ވިދާޅުވި ނަމަވެސް އޭނާ ވަނީ އެމްޑީޕީގެ މެންބަރުންގެ ކުރިމަތީގައި އޮތީ ދެ ގޮތް ކަމަށާއި އެއީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)އާއި ހަކުރުގަނޑު ކަމަށް ވިދާޅުވެފައެވެ.

"މިހާރު އެ އޮތީ ދެ ގޮތް ފެންނަން. އިމްތިޔާޒް ފަހުމީ އެހެރީ ސާފު ކެންޑިޑޭޓެއް، ދެން އަނެއްކޮޅުން ހަކުރުގަނޑެއް،" ބޮންޑޭ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގާތް ވެފައިވާއިރު، މިނިސްޓަރު ފައްޔާޒްގެ އިތުރުން ދެން އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅަކީ އިންތިއެވެ. ދެ ބޭފުޅުންގެ މެދުގައި އަދި ތާއީދުކުރައްވާ މެންބަރުންގެ މެދުގައި ވެސް ވަނީ ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފައެވެ.

ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަންގެ ކޯޅުން އަނެއްކާ ވެސް ބޮޑުވެފައިވާއިރު، ފައްޔާޒް އުޅުއްވަނީ "އެމްޑީޕީ ތެރޭގައި ބްރޯ" އަކަށް ވެވަޑައިގަތުމަށް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ މީގެ ކުރިން ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަފުޅު ދައްކަވައިފައެވެ.

ފައްޔާޒް މަގާމުން ވަކި ކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، ފަހުން ނަޝީދު ވަނީ އެކަން ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ނަޝީދުގެ ފާޑުކިޔުން އެއިރު ފައްޔާޒަށް އަމާޒު ވިނަމަވެސް، ރައީސް ވަނީ ފައްޔާޒަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް