މޭރީގެ މަރު: ޝަރީއަތް ނިމެންދެން މާވިން ބަންދަށް

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މާވިން

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް, މޭރީ ގްރޭސް އޮނެޑް ޕިނެޑާ މަރާލިކަމަށް ތުހުމަތު ކުރެވޭ އޭނާގެ ފިރިމީހާ މާވީން އެސްވައި ވާގަސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިއަދު އެ މައްސަލައިގައި ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޝަރީއަތް ނިމެންދެން މާވިން ބަންދުގައި ބެހެއްޓުމަށް އެދިފައެވެ.

މިއަދުގެ އަޑު އެހުމުގައި މާވިން ބައިވެރިވީ ވަކީލަކާ އެކުގައެވެ. އޭނާގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ މާވިން ޝަރީއަތް ނެމެންދެން ބަންދުގައި ބެހެއްޓުމަށެވެ. އަދި މާވިން މިވަގުތު ހުރީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށްވާތީ ރިމާންްޑް ޖަލަކަށް ބަދަލުކުރަންވެސް ވަނީ އަމުރުކޮށްފައެވެ.

މާވިންގެ މައްސަލައާ ގުޅިގެން އެންމެ ފަހުން ޝަރީއަތުގެ އަޑުއެހުމެއް ބޭއްވީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގައެވެ. އެ އަޑު އެހުމުގައި އޭނާގެ ބަންދަން ވަނީ 30 ދުވަސް އިތުރަށް ޖަހާފައެވެ.

އެ އަޑުއެހުމުގައި ވެސް ދައުލަތުން ވަނީ ޝަރީއަތް ނިމެންދެން މާވިން ބަންދުގައި ބެހެއްޓުމަށް އެދިފައެވެ. ނަމަވެސް އޭނާއަށް ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެވެން ނެތްކަމަށް ގާޒީ އެދުވަހު ނިންމެވިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ މާވިންގެ އިތުރުން، އޭނާގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ ޢަބްދުއްރަޙްމާންގެ މައްޗަށެވެ.

މި ދެމީހުންގެ ތެރެއިން މާވިންގެ މައްޗަށް އުފުލައިފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. މާވިންގެ މައްޗަށް އެ ދައުވާ ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން މަރާލައިފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

މާވިންގެ ލޯބިވެރިޔާ، ލަމްހާގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

ލަމްހާގެ މައްޗަށް މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލައިފައިވަނީ މޭރީ މަރާލުމުގައި އޭނާ މާވިންއަށް އެއްބާރުލުން ދީ ބައިވެރިވި ކަމަށް ތުހުމަތުކުރެވޭތީއެވެ.

ލަމްހާގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އުފުލީ ލަމްހާ ދިރިއުޅުނު ކޮޓަރި ބަލައި ފާސްކުރިއިރު ހޮސްޕިޓަލުން ބޭރަށް ގެންދިޔުން މަނާ، އަދި އައިޖީއެމްއެޗްގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީއެވެ.

ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އުފުލީ ލަމްހާ ދިރިއުޅުނު ކޮޓަރި ބަލައި ފާސްކުރި އިރު، ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީއެވެ.

ލަމްހާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެނަމަ ހަ އަހަރަށްވުގެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.

comment ކޮމެންޓް