ދައުލަތުން ހުށަހެޅި ހެކިން ބުނަނީ މޭރީ މަރުވި ދުވަހު އެ ގެއިން ލަމްހާ ނުފެންނަ ކަމަށް

ޝަރީއަތުގެ މަޖިލީހުގައި ލަމްހާ: މޭރީ މަރުވި ދުވަހު އެގެއިން ލަމްހާ ނުފެންނަ ކަމަށް ދައުލަތުން ހުށަހެޅި ހެކިން ވަނީ ބުނެފައި ----

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނެޑާ މަރުވި ކަމަށް ބެލޭ ވަގުތު އެ ގެއިން ހަލީމަތު ލަމްހާ އަބްދުއްރަހްމާން ފެނިފައި ނުވާ ކަމަށް ދައުލަތުން ހުށަހެޅި ހެކިވެރިން ބުނެފިއެވެ.

ދަންޖެހިގެން ޚަބަރު ހުސްވެފައިކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން ހައްޔަރު ކުރީ އެ މަހުގެ 27ގައެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އެ މައްސަލައާ ގުޅިގެން މާވިންއަށް ވަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާ ކޮށްފައެވެ. އަދި ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ދެ ދައުވާއެއް އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ހަތަރު ހެއްކެއް ހުށަހަޅާފައެވެ. އެއީ މާވިންއާ މޭރީ ދިރިއުޅުނު މއ. އުދުހޭކޮކާގޭގައި އެ ދުވަސްވަރު އުޅުނު ހަތަރު މީހެކެވެ. އަދި އެ ހަތަރު މީހުން ވެސް ވަނީ އެ ދުވަހުގެ މެންދުރެއްހާއިރު ހަ ފަންގިފިލާ ހިމެނޭ އުދުހޭކޮކާގެއަށް ވަދެ ނިކުމެފައެވެ.

ހަ ފަންގިފިލާ ހިމެނޭ އުދުހޭކޮކާގޭގައި ލިފްޓެއް ނުހުރެއެވެ. މޭރީ އާއި މާވިންގެ އާއިލާ ދިރިއުޅުނީ އެ ގޭގެ ފުރަތަމަ ފަންގިފިލާފައެވެ. އެހެންކަމުން މޭރީ މަރުވެގެން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އެ ގެއަށް ލަމްހާ ވަދެ ނިކުމެފައިވާ ނަމަ އެ ގޭގައި ދިރިއުޅޭ މީހަކަށް ފެނުމުގެ ފުރުސަތު އޮވެދާނެއެވެ.

ދައުލަތުން ތުހުމަތު ކުރަނީ އެ ދުވަހު މޭރީ މަރުވެގެން ހޮސްޕިޓަލަށް ދިއުމުގެ ކުރިން ލަމްހާ އެގެއަށް ވަން ކަމަށެވެ. ނަމަވެސް އެކަމަށް ލަމްހާ އިންކާރު ކުރެއެވެ. މޭރީ އާއި މާވިންގެ ކުޑަ އަންހެން ދަރިފުޅު އެގެއަށް ގެންދިއުމަށް ދިޔަ ނަމަވެސް ލަމްހާ ހުރީ ބޭރުގައި ކަމަށް އޭނާ ވަނީ ބުނަފައެވެ.

ދައުލަތުން ހުށަހެޅި ހަތަރު ހެކިވެރިން ވެސް ހެކިބަސް ދީފައިވަނީ ލަމްހާގެ ބަހަށް ބާރުލިބޭ ގޮތަށެވެ. އެ ހަތަރު ހެކިވެރިން ވެސް ބުނެފައިވަނީ ލަމްހާއާ ވައްތަރު މީހެއް އެ ދުވަހުގެ މެންދުރު ގަޑީގައި ގޭގެ ތެރެއިން ސިޑި ކައިރިން ނުފެންނަ ކަމަށެވެ. އަދި ބައެއް ހެކިވެރިން ވަނީ އެ ދުވަހު މީހަކު ފެނުނުކަން ހަނދާން ނެތް ކަމަށް ވެސް ބުނެފައެވެ.

މޭރީ ގްރޭސް އައިޖީއެމްއެޗަށް ގެނައި ހިސާބުން ފެށިގެން އަމަލުކުރި ގޮތް އެނގޭނެ މެޑިކަލް ޗާޓް ހަލީމަތު ލަމްހާއަށް ދިނުމަށް މީގެ ކުރިން ޝަރީއަތުން އަންގާފައި އޮތް ނަމަވެސް މިއަދު ދައުލަތުން ބުނީ އެފަދަ ޗާޓެއް ނެތް ކަމަށެވެ. އަދި މަރުވެގެން ގެންދާ މީހުންގެ ޗާޓެއް ނޯންނައިރު އޮންނާނީ ޑެތު ސަމަރީ ރިޕޯޓެއް ކަމަށް ވެސް އެ ހޮސްޕިޓަލާ ހަވާލާދީ ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ލަމްހާ ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައެވެ. އަދި ހޮސްޕިޓަލަށް ގެންދާ ކޮންމެ މީހަކަށް ދިން ފަރުވާގެ ތަފްސީލް އެނގޭނެ މެޑިކަލް ޗާޓެއް ތައްޔާރު ކުރާ ކަމަށް ވެސް އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގައި ކުރިން މަސައްކަތްކުރި ލަމްހާ ބުންޏެވެ.

comment ކޮމެންޓް