މާޒިޔާ އަތުން ބޮޑުތަފާތަކުން ބަލިވެ ދަ ގްރާންޑޭ ކަޓައިފި

މާޒިޔާގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރާއިރު، ދަނޑުގައި ދަ ގްރާންޑޭގެ ކުޅުންތެރއަކު އިށީންދެލައިގެން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބޮޑުތަފާތަކުން ބަލިވެ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ޔޫތު ޗެމްޕިއަންޝިޕާ އަލްވަދާއު ކިޔައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާ އަތުން ދަ ގްރާންޑޭ ބަލިވީ 0-6 އިންނެވެ. މެޗުން މޮޅުވެ މާޒިޔާއިން މިވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދިޔުމުގެ އުންމީދު އައުކޮށްފައެވެ.

މެޗު ފަށައިގެން މެޗުގެ ކުރީކޮޅުގައި މާޒިޔާއިން ލަނޑުޖަހައި ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ހަތަރު ވަނަ މިނެޓުގައި މުހައްމަދު އިޔާން ހަސަންއެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ މާޒިޔާއިންނެވެ. އެ ޓީމުން ދަ ގްރާންޑޭގެ ގޯލަށް އަމާޒުކޮށް ނުރައްކާ އެތައް ހަމަލާއެއް އުފެދިއެވެ.

ލީޑުގައި އޮވެ އިތުބާރާއެކު ކުޅެމުން ގޮސް މާޒިޔާއިން އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރީ މެޗުގެ 14 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ފާއިޒްއެވެ. ދަ ގްރާންޑޭއިން ވެސް މެޗުގައި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރިއެވެ. މާޒިޔާގެ ގޯލު އޭރިޔާ ކައިރިން އެ ޓީމުގެ ކުޅުންތެރިޔަކަށް މާޒިޔާގެ އަހުމަދު އުމޭޝް ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ރީނދޫ ކާޑެއް ދެއްކިއެވެ.

ދަ ގްރާންޑޭއަށް ލިބުނު ހިލޭ ޖެހުން އެޓީމުން ކުޅުންތެރިޔަކު ފޮނުވާލި ނަމަވެސް، ފޮނުވާލި ބޯޅަ ގޮސް އަމާޒުވީ މާޒިޔާގެ ގޯލު ދަނޑިއަށެވެ. އަދި ދަނޑީގައި ޖެހި ބޯޅަ ކުޅުމުގެ ތެރެއަށް އައުމުން މާޒިޔާގެ ޑިފެންޑަރަކު ބޯޅަ ބޭރުކޮށްލިއެވެ. މާޒިޔާއިން ދަ ގްރާންޑޭގެ ގޯލަށް ހަމަލާތަކެއް އުފެއްދި ނަމަވެސް، ދް ގްރާންޑޭއަށް މާ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމުނީ 2-0 އިން މާޒިޔާ ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަ ހަމަ ކުޅުމެއް ފެނުނު ނަމަވެސް، މާޒިޔާއިން މަޑުމަޑުން ގޭމެ ތެރަށް ވަދެ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. މެޗުހެ 67 ވަނަ މިނެޓުގައި މާޒިޔާގެ އިޔާން ކާމިޔާބުކުރި ލަނޑާއެކު މާޒިޔާއިން އެ ޓީމުގެ ތިން ވަނަ ލަނޑު ހަމަކޮށް ލީޑު ފުޅާކުރިއެވެ. މިއީ އިޔާން މެޗުގައި ކާމިޔާބުކުރި ދެ ވަނަ ލަނޑެވެ. މެޗުގެ 75 ވަނަ މިނެޓުގައި މާޒިޔާގެ މުހައްމަދު މަޒީން ލަނޑެއް ޖަހައި މާޒިޔާގެ ހަތަރު ވަނަ ލަނޑު ހަމަކުރިއެވެ.

މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި މާޒިޔާއިން ދެ ލަނޑު ޖަހާފައިވާއިރު، އޭގެ ތެރެއިން ފުރަތަމަ ލަނޑު ޖެހީ 83 ވަނަ މިނެޓުގައެވެ. މި ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މަޒީންއެވެ. މާޒިޔާގެ ހަ ވަނަ ލަނޑު އެ ޓީމުން ޖަހާފައިވަނީ 88 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔަބުކޮށްދިނީ ޔޫޝައު ބިން އަލީ ނަޝީދެވެ. މި ނަތީޖާ އާއެކު މެޗު ނިމުނީ 6-0 އިން ދަ ގްރާންޑޭގެ މައްޗަށް މާޒިޔާއިން ކުރި ހޯދައިގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާޒިޔާއަށް ދެ ލަނޑު ޖަހައިދިން ޖާޒީ ނަންބަރު ތިނެއް، މުހައްމަދު މަޒީންއެވެ.

މުބާރާތުގެ ކުޅުން މިރޭ ވެސް ކުރިއަށް ދާނެ އިރު، މިރޭގެ މެޗުގައި ބައްދަލުކުރާނީ ކުލަބް ގްރީން ސްޓްރީޓްސް އާއި ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

comment ކޮމެންޓް