މަހުލޫފްގެ މައްސަލަ ފަސްކުރުމުން ހިތްހަމައެއް ނުޖެހޭ: ޕީޖީ އޮފީސް

ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވުން -- ސަން ފައިލް ފޮޓޯ

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާގެ އަޑުއެހުންތައް ކޮވިޑްގެ ހާލަތު ރަނގަޅު ވަންދެން ފަސްކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި ތަރުޖަމާނު އަހުމަދު ޝަފީއު މިއަދު "ސަން" އަށް ވިދާޅުވީ އެހެން މައްސަލަތައް ވެސް މިހާލަތުގައި ކުރިއަށް ގެންދާއިރު މަހުލޫފްގެ މައްސަލަ ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނެތް ކަމަށެވެ.

"އެ ނިންމުމާމެދު އަޅުގަނޑުމެން ހިތްހަމައެއް ނުޖެހޭ. ބޭނުން ވަނީ ވީއެންމެ އަވަހަކަށް ހުރިހާ މައްސަލައެއް ވެސް ނިންމަން،" ޝަފީއު ވިދާޅުވިއެވެ.

https://sun.mv/161446

ކްރިމިނަލް ކޯޓުގެ އެ ނިންމުން އިސްތިއުނާފަށް ހުށަހަޅާނެތޯ ސުވާލު ކުރުމުން ޝަފީއު ވިދާޅުވީ އެއީ ޝަރުއީ ނިންމުމަކަށް ނުވާތީ އިސްތިއުނާފު ކުރެވެން ނޯންނަ ކަމަށެވެ.

މަހުލޫފްގެ މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނެ ދުވަހަކާ ގުޅޭގޮތުން "ސަން" އިން ސުވާލު ކުރުމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވީ އެ މައްސަލަ ހިންގަން ނިންމާފައި އޮތީ ހުރިހާ ފަރާތެއް ކޯޓަށް ހާޒިރުކޮށްގެން ކަމަށްވާއިރު ކޮވިޑްގެ ހާލަތު ރަނގަޅުވުމުން އެ މައްސަލަ ތާވަލު ކުރާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެ ކޯޓަށް ވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް ވެސް ހިމެނެއެވެ.

އެ ޖަމިއްޔާއިން ބުނެފައިވަނީ މަހުލޫފުގެ ޝަރީއަތް ދެން ކުރިއަށް ދާނީ ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ކަމަށް ކުރިމިނަލް ކޯޓުން އިއްޔެ އިއުލާނުކުރުމުން ދޭހަވާ ކަމަކީ އެ ކޯޓުން އަމަލުކުރާ އުސޫލުތަކުގެ ދެފުށްނުފެންނަކަން ކަމަށެވެ.

ގާނޫނުލް އުގޫބާތުގައި ބޮޑު ކުށެއްކަމުގައި ކަނޑައަޅާފައިވާ މައްސަލައެއްގައި އެހެންވުން އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް ޓްރާންސްޕޭރެންސީން ބުންޏެވެ.

https://sun.mv/161468

ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދެވޭނެ އުސޫލެއް 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާކަން ވެސް އެ ޖަމިއްޔާއިން ފާހަގަ ކުރިއެވެ.

މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައިވާއިރުވެސް ރައީސް އޮފީހުން އޭނައާ މެދު ފިޔަވަޅު އަޅާފައިނުވާތީ އެކަމާ ގުޅިގެން ވެސް އެ ޖަމިއްޔާއިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އެ ޖަމިއްޔާއިން ވަނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކޮރަޕްޝަންގެ ތުހުމަތުކުރެވިފައިވާ ބޭފުޅުންނަށް ފިޔަވަޅު އަޅާނީ ދައުވާ ކުރުމަށް ފޮނުވުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެފައިވާކަން ފާހަގަ ކޮށްފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ މޭރުމުން ވާހަކަދައްކަވާފައިވާ ކަން ވެސް ޓްރާންސްޕޭރަންސީން ފާހަގަކުރިއެވެ.

ޓްރާންސްޕޭރަންސީން ބުނީ "ލިޔެވިފައި ނުވާ" އުސޫލުތަކެއްގެ ދަށުން ކޮރަޕްޓް މީހުންނަށް ބާރުވެރި މަގާމުތަކުގެ ނުފޫޒު ބޭނުންކޮށްގެން އެމީހުންގެ މައްސަލަތަކުގައި ހުރި ހެކި ފޮރުވުމަށާއި އަދި ކޮރަޕްޝަންގެ އިތުރު އަމަލުތައް ހިންގުމަށް މަގުފަހިވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މަހްލޫފާ ދެކޮޅަށް ދައުވާކުރުމަށް މިދިޔަ ޖޫން މަހު ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން އޭނާ އޭރު ވަޒީރުކަމުގެ މަސްއޫލިއްޔަތުން އެކަހެރިކުރަން ރާއިސް ނިންމެވިއެވެ.

އެއަށްފަހު، މަހްލޫފްގެ ސަސްޕެންޝަން އުވައިލީ އޭނާގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވިތާ ހަތަރު މަސް ދުވަސް ވީއިރު ވެސް، އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކޮށްފައި ނުވާތީއެވެ.

މަހުލޫފުގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލީ އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީއެވެ. ނަމަވެސް ދައުވާ އުފުލުމުން ވެސް އޭނައާ މެދު ފިޔަވަޅު އަޅަން ސަރުކާރުން އުޅޭތަނެއް ނުފެނެއެވެ.

މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

ނަމަވެސް އެ ތުހުމަތުތަކަށް މަހުލޫފް އިންކާރު ކުރައްވައެވެ.

comment ކޮމެންޓް