މޭރީގެ މަރު: ފިރިމީހާ މާވިންގެ ބަންދަށް އިތުރު ދިހަ ދުވަސް ޖަހައިފި

ލަމްހާ އާއި އޭނާގެ ލޯބިވެރިޔާ މާވިން: އެ ދެ މީހުންގެ މައްޗަށް މަރުގެ ދައުވާ ވަނީ އުފުލައިފައި --

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް ޕިނޭޑާ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގައެވެ.

މާވިންގެ ބަންދާ މެދު ގޮތެއް ނިންމަން ދެން ހާޒިރުކުރަން ޖެހޭނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރައްވާ ގާޒީގެ ކުރިފުޅުމައްޗަށް ކަމަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެއެވެ.

މާވިންއާއި އޭނާ ގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ. މާވިންއަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. ލަމްހާއަށް ކުރަނީ ގްރޭސް މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މާވިންގެ މަށްޗައް ދައުވާ ކުރަނީ މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން އޭނާ މަރާލައިފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

މީގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާވެސް ލަމްހާގެ މައްޗަށް ވަނީ އުފުލާފައެވެ.

މާވިންގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެނަމަ މަދުވެގެން 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ލަމްހާގެ މައްޗަށް ކުރި ތިން ދައުވާ ސާބިތުވެއްޖެނަމަ ހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ.

މޭރީ މަރާލައިފައިވަނީ އޭނާ ދިރިއުޅުނު މއ. އުދުހޭކޮކާގޭގެ ފުރަތަމަ ބުރީގެ ކޮޓަރިއެއް ތެރޭގައި ކަމަށާއި އޭނާ މަރައިލައިފައިވަނީ އަނިޔާވެރިކޮށް ކަން ވެސް ވަނީ އެނގިފައެވެ.

މެރީގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ހެދި ޕޯސްޓް މޯޓަމްގެ ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައިވަނީ އޭނާ މަރުވެފައި ވަނީ ލިބުނު ޒަހަމްތަކުގެ ސަބަބުން ކަމަށެވެ.

މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ ވެސް އޭނާގެ ފިރިމީހާ މާވިންއެވެ. އެއީ އޭނާ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.

comment ކޮމެންޓް