ބީއެމްއެލްގެ އެހީގައި ނ. މާޅެންދޫގައި މަސް ކަނޑާ ތަނެއް ތަރައްގީކޮށްފި

މާޅެންދޫގެ މަސް ކަނޑާ ތަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން އަންހެނުންނާއި ފިރިހެނުން ހިމެނޭހެން މަސްކެނޑުމުގެ މުބާރާތެއް ބޭއްވި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ނ. މާޅެންދޫގައި މަސް ކަނޑާ ތަނެއް ތަރައްގީކޮށްފިއެވެ.

ބީއެމްއެލްއިން އެ މަސް ކަނޑާތަން ތަރައްގީކުރީ ސޮސައިޓީ ފޯ ލީޑާސް އިނިޝިއޭޓް ޑިވެލޮޕްމަންޓް (އެސްއެލްއައިޑީ)ގެ ފަރާތުންނެވެ.

އެ ތަނުގައި އެއްފަހަރާ އަށް މީހުންނަށް މަސް ކަނޑަން ތިބެވޭނެއެވެ. އަދި އެތަން ފަރުމާކޮށްފައި ވަނީ ސާފު ފެން ލިބޭނެހެން އިސްކުރު ހަރުކޮށް، މަސްކަނޑާނެ ޖާގަ އާއި ތަކެތި ރައްކާ ކުރުވޭނެ ގުދަނަކާވެސް އެއްކޮށެވެ.

މީގެ އިތުރުން މަސްކެނޑުމަށް ފަހު އުކާލާ ތަކެތި އެޅުމަށް ޑަސްބިން ބަހައްޓައި، ތަން ފަސޭހައިން ސާފުކުރެވޭނެ އިންތިޒާމުވެސް އެތަނުގައި ވަނީ ހަމަޖައްސާފައެވެ.

އެސްއެލްއައިޑީގެ އޮފިޝަލަކު ވިދާޅުވީ، މާޅެންދޫގައި މަސް ކަނޑާ ތަނެއް ހެދީ އެ ރަށުގެ މަސްވެރިންނަށާއި އެހެނިހެން ރަށްރަށުން އެ ރަށަށް ދާ މަސްވެރިންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

މާޅެންދޫގައި ތަރައްގީކޮށްފައިވާ މަސް ކަނޑާ ސްޓޭޝަން އެއް ފަހަރާ އަށް މީހުންނަށް ބޭނުން ކުރެވޭނެ -- ފޮޓޯ/ ބީއެމްއެލް

"މިހާތަނަށް މަސް ކަނޑަމުން އައީ ޖެޓީ މަތީގައި. އަދި ވާރޭ ވެހުނަސް އަދި އަވި ދިނަސް ހަމަ ޖެޓީ މަތީ ތިބެގެން މަސް ކަނޑަން ޖެހެނީ. މި ގާއިމް ކުރެވުނު މަސް ކަނޑާ ތަނުގެ ސަބަބުން މި ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެންދާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން. މި ފުރުސަތުގައި މިފަދަ މުހިންމު ޕްރޮޖެކްޓަކަށް ބީއެމްއެލް އިން ދެއްވި މާލީ އެހީތެރިކަން ފާހަގަކޮށް އެ ބޭންކަށް ޝުކުރު ދަންނަވަން،" އެސްއެލްއައިޑީގެ އޮފިޝަލް ވިދާޅުވިއެވެ.

އެ މަސް ކަނޑާ ތަން މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ދަނީ ބޭނުން ކުރަމުންނެވެ. އަދި އެތަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން އަންހެނުންނާއި ފިރިހެނުން ހިމެނޭހެން މަސްކެނޑުމުގެ މުބާރާތެއްވެސް ބޭއްވިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

comment ކޮމެންޓް