ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވާދަ ނުކުރާ ގޮތަށް އެމްޓީޑީން ނިންމައިފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު -- ފޮޓޯ/ ސަން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އިން ވާދަ ނުކުރާ ގޮތަށް ނިންމައިފިއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވާދަ ނުކުރާ ގޮތަށް އެމްޓީޑީ އިން މިއަދު ނިންމިއިރު، އެ ޕާޓީން އެ ދާއިރާއަށް ވާދަ ކުރާނެކަން އިއުލާނު ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެއަށްފަހު، އެމްޓީޑީން ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރުމަށް ބޭނުންވާ، އެ ޕާޓީގެ މެންބަރުންނަށް ފުރުސަތު ހުޅުވާފައިވާ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ، އެމްޓީޑީން ބުނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައި މިވަގުތު އިންތިހާބެއްގައި ބައިވެރިވުމަށް ނުފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.

"ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް މިޕާޓީ އިން ހުޅުވާލުމުން ކުރިމަތިލެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އެމްޓީޑީން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އެމްޑީޕީ މެންބަރު، ހުސައިން ވަހީދު މި މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ސިޔާސީ ޕާޓީ ތަކަކީ، ޕީޕީއެމާއި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ ކަމަށްވާ އެމްޑީޕީ އަދި އެމްއެންޕީއެވެ.

މީގެ ތެރެއިން ޕީޕީއެމްގެ ޓިކެޓުގައި އެ ގޮނޑިއަށް ވާދަ ކުރާނީ މޫސާ ފަތުހީއެވެ. އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް އަހުމަދު ރާޝިދު ވާދަ ކުރާއިރު، އެމްއެންޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރަނީ އަބްދުލް ހަންނާން އިދުރީސްއެވެ.

comment ކޮމެންޓް