އިންޑިއާ އައުޓް މުޒާހަރާއިން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިދިޔަ ހަފްތާ ބޭއްވި"އިންޑިއާ އައުޓް" ސައިކަލް ބުރުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި މުޒާހަރާގެ ތެރެއިން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އަމުރަށް ނުކިޔަމަންތެރިވި ހަތަރު މީހުން ކަމަށެވެ.

މީގެ އިތުރުން، ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ އިންޑިއާ އައުޓް ޓީޝާޓު ލައިގެން މަގުމައްޗަށް ނުނިކުމެވޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. ހަމައެހެންމެ، ބައެއް މެމްބަރުން ވަނީ އިންޑިއާ އައުޓް ކިޔާ ކޮންމެ މީހަކު ހޭ އަރުވާލާނެ ކަމަށް ފުލުހަކު ބުނި ކަމަށް ތުހުމަތު ކޮށްފައެވެ.

މީގެ ކުރިން ޕީޕީއެމްއިން އިންޑިއާ އައުޓު ސައިކަލު ބުރު ވެސް ފުލުހުން ވަނީ ހުއްޓުވާފައެވެ. ފުލުހުން ބުނީ މާލޭގައި ބާއްވަން އިންތިޒާމު ކުރި ސައިކަލް ބުރުގައި ހަމަނުޖެހުން ހިންގަން ރާވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން އިތުރަށް ފުޅާ ކުރުމަށް، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ އަތޮޅު ތެރޭގެ ރަށްރަށަށް ފުރާވަޑައިގަންފައެވެ.

comment ކޮމެންޓް