ޕީޕީއެމްގެ މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި

"އިންޑިއާ އައުޓް" ސައިކަލް ބުރުގެ ތެރެއިން: އެތަނުން ހައްޔަރުކުރި ދެ މީހުން ރޭ ވަނީ ދޫކޮށްލައިފަ -- ސަން ފޮޓޯ/ ނާއިލް ހުސައިން

ޕީޕީއެމްއިން އިއްޔެ ހަވީރު މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ.

"އިންޑިއާ އައުޓް" ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިސްނަގައިގެން އިއްޔެ ހަވީރު މާލޭގައި ސައިކަލް ބުރެއް ބާއްވަން ނިންމި ނަމަވެސް ފުލުހުން ވަނީ އެކަން ހުއްޓުވާފައެވެ.

ޕީޕީއެމް އޮފީސް ދޮރުމައްޗަށް ސައިކަލްތަކާ އެކު ސަޕޯޓަރުން އެއްވުމުން, ފުލުހުން ވަނީ އެސަރަހައްދުން ނުނިކުމުވޭނެހެން ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ. އެއާ އެކު އިދިކޮޅުން ރޭވި ގޮތަށް ސައިކަލް ބުރުގެންދެވިފައެއް ނުވެއެވެ.

މުޒާހަރާގެ ބައިވެރިން އެތަނުން ނުކުތުމަށް ފުލުހުން ހުރަސް އެޅުމުން ބައެއް މީހުން ވަނީ ނުކިޔަމަންތެރިކަން ދައްކާފައެވެ. އެގޮތުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ, އިއްޔެގެ ހަރަކާތުގެ ތެރެއިން ދެ މީހަކު ހައްޔަރުކުރި ނަމަވެސް ރޭގެ ވަގުތެއްގައި އެ ދެ މީހުން ވެސް ދޫކޮށްލާފައިވާނެ ކަމަށެވެ.

އިދިކޮޅުން އިންތިޒާމު ކުރި ސައިކަލް ބުރުގައި ހަމަނުޖެހުން ހިންގަން ރާވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ، ފުލުުހުން ވަނީ އެ ސައިކަލް ބުރު ހުއްޓުވައިފައެވެ.

ފުލުހުން އިއްޔެ ބުނީ, އެފަދަ ހަމަނުޖެހުންތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކާ އޮތް ކަމެއް ކަމަށެވެ.

އެހެންކަމުން، އެފަދަ ފުރުސަތެއް ނުދޭނެ ކަމަށާއި، ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ފަދަ ގޮތަކަށް އުޅަނދުބުރު ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ޕީޕީއެމް އިން ވަނީ އެކަން ދޮގުކޮށްފައެވެ. އެ ޕާޓީން ބުނީ ހަމަނުޖެހުން ހިންގުމަކީ ވެރިކަންކުރާ އެމްޑީޕީން ކުރާ ކަމެއް ކަމަށެވެ.

ޕީޕީއެމްއިން އެ ސައިކަލް ބުރު ބާއްވަން ތައްޔާރުވީ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ތެރެއިންނެވެ. އެ ކެމްޕޭން އަތޮޅުތެރެއަށް ފުޅާ ކުރުމަށް، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިއްޔެ ވަނީ ފުރައިވަޑައިގެންފައެވެ.

comment ކޮމެންޓް