އޭސީސީ މެންބަރުން ވަކިކުރަން މާދަމާ ޖަލްސާ ބާއްވަނީ

އޭސީސީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފައިލް ފޮޓޯ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުރިހާ މެންބަރުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް ދައުރުން ބޭރުގައި މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިދިނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މަޖިލީހުގެ ސެކްރެޓޭރިއަޓަށް ހުށަހަޅަން ނިންމީ އިއްޔެއެވެ.

މާދަން 10:00 ގައި ބޭއްވުމަށް ނިންމާފައިވާ ޖަލްސާގެ އެޖެންޑާގައި ހިމެނެނީ އޭސީސީގެ މެންބަރުން ވަކި ކުރުމާ މެދު ގޮތެއް ނިންމުން އެކަންޏެވެ.

އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރުމުގެ މަރުހަލާތައް ފަށަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ފާސްކޮށްފައެވެ.

އެ ކޮމިޓީން އެގޮތަށް ފާސްކުރީ، އޭސީސީގެ މަސައްކަތް ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުދާކަން ފާހަގަކޮށް، ކޮމިޓީއަށް ފެންނަ ނަމަ އޭސީސީގެ މެންބަރުން މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަށަން މިދިޔަ ނޮވެމްބަރު މަހު ނިންމި ފަހުންނެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމުގައި އެ ކޮމިޝަނުގެ ޕާފޯމަންސް އޮޑިޓުން ފާހަގަވި ކަންކަމަށް ރިއާޔަތްކުރާނެއެވެ. އެ ކޮމިޝަނަށް ހުށަހެޅިފައިވާ 16،000 އަށްވުރެ ގިނަ މައްސަލަ ނުބެލި ހުރިކަން އޮޑިޓުން ވަނީ ފާހަގަވެފައެވެ.

comment ކޮމެންޓް