މަޖިލިސް ހިނގަނީ ހުދުމުހުތާރު ނޯތު ކޮރެއާ ސިސްޓަމަށް: ސައީދު

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލިސް ހިނގަނީ ނޯތު ކޮރެއާގައި ކަންކަން ކުރާ އުސޫލުން، ހުދުމުހުތާރުކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދަނީ ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް މުއްދަތު އިތުރު ކުރުމަށް ފިނޭންސުން އެދިފައިވާ މައްސަލައިގެ ބަހުސެވެ.

މި ބަހުސަށް ވާހަކަ ދައްކަވާނެ މެންބަރުން ނަން ނޯޓު ކުރުމުގެ ފުރުސަތު ރިޔާސަތުން ހުޅުވައިލައިފައިވަނީ މައްސަލަ ހުށަހެޅުމަށްފަހު ފަސް މިނަޓެށެވެ. އެއާއެކު ކޮންމެ މެންބަރަކަށް ވަނީ ބަހުސް ކުރުމަށް ދިހަ މިނެޓު ދީފައެވެ.

ބަހުސް ކުރިއަށް ދަނިކޮށް، މެންބަރު ސައީދު ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސައީދު ވިދާޅުވީ ގައުމުގެ މާލީ ބޮޑު މައްސަލައެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ހުރިހާ މެންބަރުންނަށް ވެސް ލިބެން ޖެހޭނެ ކަމަށެވެ.

ސައީދުގެ ނިޒާމީ މައްސަލައާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށާ ގަޑިއަށް ވަޑައިގެންނެވި މެންބަރުންނަށް ފުރުސަތު ލިބިފައިވާނެ ކަމަށެވެ.

"އިއްޒަތްތެރި މެންބަރު ހިމެނިވަޑައިގަންނަވާ ކޯލިޝަންގެ ފަރާތުން ވެސް އެތައް އިއްޒަތްތެރި މެންބަރުންނެއް ފުރުސަތަށް އެދިވަޑައިގެންފައި ތިއްބެވި، އިއްޒަތްތެރި މެންބަރު ގަޑިއަށް ވަޑައިގެން މަސައްކަތް ހިނގާ ތަރުތީބަށް ބައްލަވައިގެން ފުރުސަތަށް އެދިވަޑައިގެންނެވި ނަމަ އިއްޒަތްތެރި މެންބަރަށް ވެސް ފުރުސަތު ލިބިވަޑައިގަންނަވާނެ،" އީވާ ވިދާޅުވިއެވެ.

ރިޔާސަތުގެ ވާހަކައާ ގުޅިގެން އިތުރު ނިޒާމީ މައްސަލައެއް ނަންގަވައި ސައީދު ވަނީ މަޖިލިސް ހިނގަމުން އަންނަނީ ނޯތު ކޮރެއާއާ އެއްގޮތަށް ކަމަށް ސިފަ ކުރައްވައިފައެވެ.

"ރާއްޖޭގެ މާލީ މައްސަލައެއް މީ، މި މައްސަލައިގަ ވާހަކަ ދެކެވެން ޖެހޭނެ، ފުރުސަތު ދޭން ވާނީކީ ހުދުމުހުތާރު ނޯތު ކޮރެއާގެ ސިސްޓަމަކަށް ނޫން،" ސައީދު ވިދާޅުވިއެވެ.

ބަހުސް ކުރައްވާނޭ ފުރުސަތެއް ލިިބިވަޑައިނެގުންނެވުމުން ސައީދު ވަނީ އެހެން މެންބަރުން ބަހުސް ކުރެއްވިއިރު މަޖިލީހުގައި އަޑު ގަދަ ކުރައްވައި، އެ މެންބަރުންނާ ބަހުސް ކުރައްވައިފައެވެ.

comment ކޮމެންޓް