ޖައްވަށް ދޫކުރާ ވިހަ ގޭސް ހުއްޓުވަން ކަމަށް ބުނެ ބަޖެޓުގައި ހިމަނައިފައިވަނީ އަމިއްލަ މަންފާއަކަށް: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު -- ފޮޓޯ/ މަޖިލިސް

ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސް ހުއްޓުވުމަށް ބަޖެޓުގައި ހިމަނައިފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސައީދު މިއަދު ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ސައީދު ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ މެޕުން ބަލާލާއިރު، ޒޫމްކޮށްގެން ނޫނީ ނުފެންނަ ގައުމެއް ކަމަށެވެ.

ބަޖެޓުގައި ވިހަ ގޭސް ހުއްޓުވުމަށް، މި އަހަރާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 17 މިލިއަން ރުފިޔާ ހިމަނައިފައިވާކަން ފާހަގަކުރައްވާ ސައީދު ވަނީ ރާއްޖެއިން ޖައްވަށް ބޭރުކުރަނީ ކޮން ވިހަ ގޭހެއްތޯ ސުވާލުކުރައްވައިފައެވެ.

"ދުނިޔޭގެ ބޮޑެތި ބާރުތަކަށް އެ މީހުންގެ ކްލައިމެޓް ހަނގުރާމައިގައި ކާމިޔާބެއް ނުހޯދިގެން އުޅޭއިރު، އެމްޑީޕީގެ ބައެއް ވެރީން އެ ބޭފުޅުންގެ އަމިއްލަ ޖާހާއި އެ ބޭފުޅުންގެ އަމިއްލަ ޕްރޮމޯޝަނަށް ޓަކައި ހަމަ އަތު ޖެހުނުހާ ބަޔަކު ގޮވައިގެން، ބޭރު ދުނިޔޭގައި ދަތުރުކުރަން ވެގެން މާ ބޮޑަށް ތިމާވެށި ވެގެން އުޅެނީ، ކޮން ވިހަ ގޭހެއް ރާއްޖެއިން ދާތީތޯ މިއުޅެނީ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ވިހަ ގޭސް ހުއްޓުވުމަށް ކަމަށް ބުނެ ހިމަނައިފައިވާ ބަޖެޓުން، އެ ބޭފުޅާގެ ދާއިރާގެ ތިން ރަށުގެ މަގުބައްތިތައް ޖެހޭނެ ކަމަށެވެ. އަދި ވިހަ ގޭސް ހުއްޓުވަން ރާއްޖެއިން އުޅޭ ވަރު ނުވާ ކަމަށް ސައީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

"ވިހަ ގޭސް ފޮނުވުން ހުއްޓުވަން ރާއްޖެއިން އުޅޭ ވަރެއް ނުވޭ ނޫންތޯ އިއްޒަތްތެރި ރައީސް، ޗައިނާ ޔޫއެސްއޭ އަދި އިންޑިއާ، މިތާ ކައިރި މިއޮތީ އިންޑިއާ، އެ މީހުން މައްޗަށް ފޮނުވާ ވިހަ ގޭސް ހުއްޓުވަން ވީނުންތޯ،" ސައީދު ވިދާޅުވިއެވެ،.

މީގެ އިތުރުން ސައީދު ވަނީ ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކުހަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެ ކަމަކީ "ރައްޔިތުންގެ ޖީބު އިރާލުން"ގެ ގޮތުގައި ސައީދު ވަނީ ސިފަކުރައްވައިފައެވެ.

comment ކޮމެންޓް