މަޖިލިސް އޮތީ ނުފޫޒުގަދަ މެންބަރުން ހިސޯރުކޮށްފައި، ބަޖެޓުން ފައިދާ ވަނީ އެ ދާއިރާތަކަށް: މޮސްޓާ

މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީސް އޮތީ ވަކި މެންބަރުންތަކެއް ހިސޯރުކޮށްފައި ކަމަށާއި ކޮންމެ އަހަރަކަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓުން ފައިދާ ވަނީ އެ މެންބަރުންގެ ދާއިރާތަކަށް އެކަނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް ބަހުސް ކުރައްވަމުން މިނިވަން މެމްބަރު، ނަޝީދު ވަނީ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަދައްކަވައިފައެވެ.

ނަޝީދު ވިދާޅުވީ އެއް ދާއިރާއެއްގައި އެއާޕޯޓާއި ތާރު އަޅައި، ރަށް ތަރައްގީކުރަމުން އަންނައިރު، އެ އަތޮޅުގެ އެހެން ދާއިރާތަކުގެ ރައްޔިތުން ފެންވަރަމުން އަންނަނީ ނަޖިސް ފެނުން ކަމަށެވެ. އެގޮތުން ނަޝީދު ވިދާޅުވީ ރަށުގައި އެންމެ އަސާސީ ހިދުމަތްތައް ވެސް ގާއިމްވެފައި ނެތް ކަމަށެވެ.

"އެއް ދާއިރާގައި ނަޖިސް ފެނުން ފެން ވަރާއިރު، އަނެއް ދާއިރާ މީހުން ތާރުގައި ދުއްވީމަ އެއީ ތަރައްގީއެއް ނޫނޭ، އެއް އަތޮޅެއްގަ، އެއް ދާއިރާއެއްގަ ނަޖިސް ފެނުން މި ފެންވަރަނީ، އެއް ދާއިރާގަ ފާހަނާ ކުރަން ދާން މިޖެހެނީ އަތިރިމައްޗަށް، އަނެއް ދާއިރާގަ ތާރުމަތީގަ ދުއްވާފައި، އަމިއްލަ ރަށަށް އެއާޕޯޓަށް އައިއްސަ، މިއެއް ނޫން އަޅުގަނޑުމެން ބޭނުންވާ ތަރައްގީއަކީ،" ނަޝީދު ވިދާޅުވިއެވެ.

އޭޓީއެމްގެ ހިދުމަތާއި ބޭސް ފިހާރައިން އަސާސީ ބޭސް ނުލިބޭކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މިކަންކަން ފުރިހަމަކޮށްދޭން ސަރުކާރުގައި އާދޭސް ކުރާތާ ވެސް އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގައި ބަސްވިކޭ މެންބަރުން، ކަމަކަށް އެދިލައްވާއިރަށް އެ ކަމެއް ފުރިހަމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާލެ ސަރަހައްދުގަ ކަމެއް ކުރަން، ނުވަތަ މިތާ ބަސް ވިކޭ މެންބަރެއްގެ ދާއިރާއަށް ކަމެއް ކުރަން ވެއްޖެއްޔާ ބަޖެޓަށް ވެސް ވަރަށް ފަސޭހައިން އިތުރުކުރެވޭ، ފެށުނީއްސުރެ، ދާއިމިކޮށް މަޖިލީސް އޮންނަނީ ބަކި ބަޔަކު ހިސޯރުކޮށްފައޭ ބުންޏަސް ރަނގަޅުވާނެ، ވަކި މި ދައުރަކު ނޫން، އަބަދުވެސް ތިބޭނީ ނުފޫޒުގަދަ ބައެއް ބަޖެޓު ކޮމިޓީގައި،" ނަޝީދު ވިދާޅުވިއެވެ.

އަދި ކޮންމެ ފަހަރަކު ބޭސް ގަންނަން ނުވަތަ ފައިސާ ނަގަން ކުޅުދުއްފުއްޓާއި ހަނިމާދޫއަށް ދަތުރުކުރުމަކީ ރައްޔިތުންނަށް ބޮޑު ބުރައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. ހަމައެހެންމެ ފެނާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން މަގު ހެދުމުގެ މަޝްރޫއަށް ހިމަނައިފައިވާ ބަޖެޓު ވެސް ކުޑަކަން ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން ވެސް ބޭނުމޭ އަޅުގަނޑުމެން ދާއިރާ ރާއްޖޭގެ އެހެން ތަންތަނާ އެއްވަރަށް ތަރައްގީ ވެގެންދާން، އަޅުގަނޑުމެން ވެސް ބޭނުންވެޔޭ އެހެން މީހުންނަށް ހުރި އަސާސީ ހައްގުތައް، އަޅުގަނޑުމެން ރަށުގަ، އަޅުގަނޑުމެން ހިނގާލާފަ ގޮސްސަ، ސައިކަލުގަ ގޮސް އޭޓީއެމުން ރުފިޔާ ނަގަން، ފާމަސީއިން ބޭސް ގަންނަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ނޮޅިވަރަމްފަރު ދާއިރާގެ މަޝްރޫއުތަކުން ބަޖެޓުގައި ހިމަނައިފައިވަނީ އެކަށީގެންވާ ބަޖެޓެއް ނޫން ކަން ފާހަގަކުރައްވާ، މި އަހަރުގެ ބަޖެޓަށް ތާއީދު ނެތް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް