މަސްތުވާތަކެތީގެ ބޮޑުން ދޫކޮށްލުމުގައި އެއްވެސް ނުފޫޒެއް ނެތް: ޕީޖީ ޝަމީމް

ޕީޖީ ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މަސްތުވާތަކެތީގެ ބޮޑުން ދޫކޮށްލުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެއްވެސް ބައެއްގެ ނުފޫޒެއް ނޯންނާނެ ކަމަށް ޕީޖީ ހުސެއިން ޝަމީމް މިއަދު ވިދާޅުވިއެވެ.

ޕީޖީ އޮފީހުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނު ދެ މީހުން ދޫކޮށްލުމުގައި ސިޔާސީ ބައެއް އިސް މީހުންގެ ނުފޫޒު އޮތް ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން "ސަން"އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ ޕީޖީ އެއްވެސް މައްސަލައެއް ނިންމުމުގައި އެއްވެސް ނުފޫޒެއް ނުވާނެ ކަމަށެވެ.

"100 ކިލޯގެ މައްސަލައިގައި ވެސް އަދި އެހެން މައްސަލައެއްގައި ވެސް އެއްވެސް މީހަކު ބަންދުގައި ބަހައްޓާކަށް ވެސް، ދޫކޮށްލާކަށް ވެސް މި އޮފީހަކަށް އެއްވެސް ނުފޫޒެއް ނެތް، ސަރުކާރުގެ ފަރާތަކުން ވެސް އަދި އެހެން ފަރާތަކުން ވެސް،" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ ޕީޖީން ގޮތެއް ނިންމަނީ އެ އޮފީހަށް ހުށަހެޅޭ ލިޔުންތަކާއި ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ކަމަށެވެ. މިގޮތަށް އަމަލު ކުރުމުގައި ކުށްކުރާ މީހެއް ކަން އެނގުނު ނަމަވެސް އެ މީހަކަށް ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޮވޭ އެ ކަމަށް އުސޫލުތަކެއް ކަނޑައަޅައިފަ. ބަންދުން އެ ގޮތަށް މީހަކު ދޫކޮށްލައިފިއްޔާ ފުލުހުން އެދިވަޑައިގަންނަވާނެ އެ މައްސަލަ އިސްތިއުނާފް ކުރަން. އެދުނީމަ އަޅުގަނޑުމެންނަށް އެއީ އިސްތިއުނާފް ކުރެވޭނެ ގޮތަށް އޮތް މައްސަލައެއް ވެއްޖެއްޔާ އިސްތިއުނާފްކުރާނެ، އެހެންނޫނިއްޔަކާ އިސްތިއުނާފެއް ނުކުރާނެ،" ޝަމީމް ވިދާޅުވިއެވެ.

މައްސަލަތައް އިސްތިއުނާފް ނުކުރަނީ އެ މައްސަލައިގައި ކޯޓުގައި ކިޔާނެ އެއްޗެއް ނެތުމުން ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 100އެއްހާ ކިލޯގެ ހެރޮއިންއާ އެކު ހައްޔަރުކުރި 10 މީހުންގެ ތެރެއިން, ކްރިމިނަލް ކޯޓުން ދޫކޮށްލި ދެ މީހުންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ނުކުރަން ޕީޖީ އޮފީހުން ވަނީ ނިންމައިފައެވެ.

ސަބަބެއް ކަމަށް ޕީޖީން ބުނީ, ހައިކޯޓު މަރުހަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތު ނޯންނާނެތީއާއި، ދަށުކޯޓަށް ހުށަހެޅުނު ހެކި ގަރީނާގެ މައްޗަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެކަމަށް ނުފެންނާތީ ކަމަށެވެ.

އެ ދެ މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް