އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތައް: ޝާހިދު

އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު.. ފޮޓޯ/ޔޫއެން

ކޮވިޑް-19ގެ ނުރައްކާ ކިތަންމެ ބޮޑުކަމުގައިވިޔަސް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވަނީ އދގެ އާއްމު މަޖިލީހުގެ "ހައި-ލެވެލް ތީމެޓިކް ޑިބޭޓް އޮން ޑެލިވަރިން ކްލައިމެޓް އެކްޝަން: ފޯ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ" ގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހީދު ވިދާޅުވީ މި ދުވަސްކޮޅު ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި، ދުނިޔެ އޭގެ ނުރައްކަލުގެ ތެރޭގައި ވީނަމަވެސް، ދުނިޔެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށެވެ.

"ކޮވިޑް-19ގެ ސަބަބުން ދިމާވާ ނުރައްކާތެރިކަން ބޮޑުކަމުގައިވީ ނަމަވެސް ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށްވާއިރު، އެކަމަކީ އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ މައްސަލަ،" ޝާހިދު ވިދާޅުވިއެވެ.

ހަމައެއާއެކު، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކަށް ބޭނުންކުރަން ހުރި ވަސީލަތްތައް މި ބަލިމަޑުކަމުން އަރައިގަތުމަށް ބޭނުންކޮށްފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ދުނިޔެ ކޮވިޑް ބަލިމަޑުކަމުން އަރައިގަންނަން މަސައްކަތް ކުރާ އިރު އެކަމަށް ހަރަދު ކުރަނީ ތިމާވެއްޓާ ރަށްޓެހި ގޮތަކަށްކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ، ދުނިޔެ މިހާތަނަށް ދުށް އެންމެ ބޮޑު އަދި އެންމެ މުހިއްމު ރިކަވަރީ. ރިކަވަރީ ގެ ހުރިހާ ފަންޑަކީ ވެސް ތިމާވެއްޓާ ރައްޓެހި ފައިސާކަން ކަށަވަރު ކުރަން އަޅުގަނޑުމެން ޖެހޭ،" ޝާހިދު ވިދާޅުވިއެވެ.

މިކަންކަމުގެ އިތުރުންވެސް ޝާހިދު ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމަށް އެޅޭނެ ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ.

އެގޮތުން ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ދަރަނި ދެއްކުން މެދުކަނޑާލުމުގެ އިނީޝިއޭޓިވް އިތުރު އެއް އަހަރަށް އިތުރުކުރުން އެއީ އެގައުމުތަކަށް ފައިދާ ކުރާނެ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ހަމައެހެންމެ މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމުގެ ގޮތުން މުޅި މުޖުތަމައު ޝާމިލުކޮށް، މަޝްވަރާ ބައްދަލުވުންތަކާއި ނެގޯޝިއޭޝަންތަކުގައި ޒުވާނުންނަށް ފުރުސަތުދީ، އެފަދަ ކަންކަމުގައި ޒުވާނުންނާއި އަންހެނުންގެ ލަފާ ހޯދުމަކީވެސް ކުރެވޭނެ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

comment ކޮމެންޓް