ކިއުބާއަށް ބިރުދެއްކުން ހުއްޓާލުމަށާއި ގަލްފުގެ މިނިވަންކަމަށް އިހުތިރާމްކުރުމަށް ޗައިނާއިން އެމެރިކާއަށް ގޮވާލައިފި

އީރާނާއި ކިއުބާއާ ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކަށް ޗައިނާއިން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ.ގެ 81 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން، ޗައިނާގެ ނައިބު ރައީސް ހާން ޒެންގް ވަނީ މެދުއިރުމައްޗާއި ގަލްފުގެ ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމް ކުރަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ސީދާ އެމެރިކާގެ ނަން ވިދާޅުނުވި ނަމަވެސް، ބޮޑެތި ބާރުތަކުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމުގައި ނަމޫނާ ދައްކަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކިއުބާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބަންދުކުރުންތައް (ބްލޮކޭޑް) ވަގުތުން ވަގުތަށް އުވާލުމަށާއި، ބާރުގެ ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލުމަށް ވެސް ހާން ވަނީ ގޮވާލައްވާފައެވެ. އެމެރިކާއިން އަޅާފައިވާ ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކިއުބާގެ ކަރަންޓު ވިއުގަ މުޅިން ހަލާކުވެ، އެ ގައުމުގެ އެތައް މިލިއަން ރައްޔިތުންނެއް މިހާރު ވެސް ދަނީ އަނދިރިކަމުގައި ދިރިއުޅެމުންނެވެ.

މި ތަގުރީރު އައިސްފައި މިވަނީ މި ހަފުތާގެ ކުރީކޮޅު ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ބޭއްވެވި ބައްދަލުވުމަށް ފަހުގައެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ އީރާނަށް އެހީތެރިކަން ފޯރުކޮށްނުދިނުމަށް ޗައިނާއަށް އިންޒާރު ދެއްވާފައެވެ.

ނަމަވެސް ޗައިނާގެ ނައިބު ރައީސްގެ ވާހަކަފުޅުން ދޭހަވަނީ ދުނިޔޭގެ މަސްރަހުގައި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުގައި ޗައިނާ ސާބިތުވެ އޮންނާނެ ކަމެވެ.

ހާން ޒެންގްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ކުޑަ ގައުމެއް ވިޔަސް އަދި ބޮޑު ގައުމެއް ވިޔަސް ބައިނަލްއަގުވާމީ މުޖުތަމައުގައި ކޮންމެ ގައުމަކީ ވެސް ހަމަހަމަ މެންބަރެއް ކަމަށާއި، ދުނިޔޭގެ ކަންކަން ނިންމަންވާނީ ހުރިހާ ގައުމެއްގެ މަޝްވަރާއާއެކު ކަމަށެވެ.

comment ކޮމެންޓް