'އިއްޒަތްތެރި' ނުލާ މެންބަރުންނާ މުހާތަބުކުރާތީ މެންބަރުންގެ ކަންބޮޑުވުން

މެންބަރު އިކްރާމް އަދި މެންބަރު އިބްރާހިމް ރަޝީދު--

ރައްޔިތުންގެ މަޖިލީހުގައި ބައެއް މެންބަރުން ބަހުސް ކުރައްވާއިރު އެހެން މެންބަރުންނަށް މުހާތަބުކުރައްވަން 'އިއްޒަތްތެރި' ބޭނުން ނުކުރައްވާތީ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަމުން، ހިޔާ ފްލެޓާ ގުޅޭ މައްސަލަ ހުށަހެޅުއްވި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުގެ ނަން ގެންނެވިއިރު "އިއްޒަތްތެރި" ހިމަނައިފައެއްނުވެއެވެ.

އެ ކަމާ ގުޅިގެން ނިޒާމާ ބެހޭ މައްސަލައެއް ނަންގަވައި އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އެވެ.

"މެންބަރެއްގެ ނަން ފާހަގަކުރާއިރުގައި އިއްޒަތް ކުރިއަށް ލާންޖެހޭ، އެހެންވީމަ އެ އޮންނަ ގަވައިދު އޮންނަ ގޮތަށް، މުހައްމަދު ފަލާހުގެ ނަން ފާހަގަކުރިއިރު އިއްޒަތްތެރި މެންބަރު ފާހަގައެއް ނުކުރައްވާ،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭގެ ނިޒާމީ މައްސަލަ މަޖިލީހުގެ ރިޔާސަތުން ބަލައިގަނެ، މަޖިލީހުގެ މެންބަރެއްގެ ނަން ގެންނަވާއިރު، "އިއްޒަތްތެރި މެންބަރު" ގެނައުމަށް ހުރިހާ މެންބަރުންނަށް ވެސް ހަނދުމަކޮށް ދެއްވިއެވެ.

އެހެންނަމަވެސް މާވަށު ދާއިރާގެ މެންބަރު ސައީދުގެ ވާހަކަ ކުރިއަށް ގެންދެވިއިރު، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ ނަން ގެންނެވީ ވެސް އިއްޒަތް ނުލައެވެ.

އެކަމާ ގުޅިގެން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވަނީ ނިޒާމީ މައްސަލަ ނަންގަވާ އެކަން ފާހަގަކުރައްވައިފައެވެ.

"ތަކުރާރުކޮށް އިއްޒަތް ނުކިޔާތީވެ، އެހެންވެ އަޅުގަނޑު ހަމަ ކަންބޮޑުވޭ އިނގޭތޯ، ވާހަކައަކީ މަޖިލީހުގަ އިއްޒަތްތެރި މެންބަރުން ކިޔަން ޖެހޭނެ އިނގޭތޯ،" ނިޒާމާ ބެހޭ މައްސަލަ ނަންގަވައި އިކްރާމް ވިދާޅުވިއެވެ.

މަޖިލިސް މެންބަރުންނަށް ލިބެން ޖެހޭ އިއްޒަތް ނުލިބޭ ކަމަށް ބުނެ މީގެ ކުރިން ވެސް މަޖިލިސް ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފައިވެއެވެ.

އެގޮތުން ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ތެރޭގައި މެންބަރު އިކްރާމް ވަނީ މަޖިލީހުގެ މެމްބަރުންނަށް މެޗުތަކުގެ ޓިކެޓު ވިއްކުމުގައި ހާއްސަ އިމްތިޔާޒުތަކާއި އިންތިޒާމުތައް ނެތުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްއެސްޕް ގުރޫޕަކަށް މެސެޖުކުރައްވައިފައެވެ.

"އިއްޒަތްތެރިކަން ނުލިބޭނަމަ އިއްޒަތްތެރި މެންބަރު ކިއުމުގެ ބަދަލުގައި ނިކަމެތި މެންބަރު ކިއުން ރަނގަޅުވާނެ. އޭރުން ރައްޔިތުން އަދި މާ އުފާވާނެ،" އިކްރާމްގެ މެސެޖެއްގައި ވިދާޅުވިއެވެ.

އިކްރާމް ވަނީ މެންބަރުންނާ މުހާތަބުކުރާއިރު "އިއްޒަތްތެރި"އެއްގެ ލަގަބު ދީފައި މުހާތަބުކުރި ނަމަވެސް އާންމު ތަންތަނުގައި އެ އިއްޒަތް ނުލިބޭކަމަށް ވިދާޅުވެ ޝަކުވާކުރައްވާފައެވެ.

comment ކޮމެންޓް