ޕާފޯމެންސް އެލަވަންސް ދޭން ފަށާނީ ދައުލަތުގެ އާމްދަނީއަށް އައި ހީނަރުކަން ފިލައި ދިއުމުން: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިވިލް ސާވިސް މުވައްޒަފުންނަށް ޕާފޯމެންސް އެލަވަންސް އަލުން ދޭން ފަށާނީ ދައުލަތުގެ އާމްދަނީއަށް އައި ހީނަރުކަން ފިލައިގެން ދިޔުމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު އެހެން ވިދާޅުވީ މިމަހުގެ ހަތްވަނަ ދުވަހު ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަކަށް ސިޓީއަކުން ޖަވާބު ދެއްވަމުންނެވެ.

ސިވިލް ސާވިސް މުވައްޒަފުންނަށް ޕާފޯމަންސް އެލަވަންސް ދިނުން މެދުކަނޑާލީ ކޮވިޑް-19ގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ލިބުނު ގެއްލުމާ ގުޅިގެން، ހަރަދު ކުޑަ ކުރުމުގެ ގޮތުންނެވެ. އަދި މެންބަރު ޝަފީގު އައްސަވާފައި ވަނީ އެ އެލަވަންސް ދެން ދޭނީ ކޮން އިރަކުތޯ އާއި ކަނޑާލި އެލަވަންސަށްވާ ފައިސާ ފަހުން ދޭނެތޯއެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވާ އަމީރު ލިޔުއްވި ސިޓީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވަނީ އިއްވައިފައިއެވެ.

އެ ސިޓީގައި އަމީރު ވިދާޅުވީ ޕާފޯމަންސް އެލަވަންސް ދިނުން އެންމެ އެކަށީގެން ވަނީ ކޮވިޑް-19ގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ލިބުނު ހީނަރުކަން ފިލައި ގޮސް، ފިސްކަލް ޑެފެސިޓް ދެމެހެއްޓެނިވި މިންގަނޑަކަށް ރުޖޫއަ ވުމުން ކަމަށެވެ.

އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ ކޮވިޑު-19ގެ ކުރިން ހުރި މިންވަރަށް އިއާދަ ވާނެކަމަށް އަންދާޒާ ކުރެވެނީ 2023 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި އެލަވަންސް އަލުން ދޭން ފަށާއިރު، އެ އެލަވަންސް ނުލިބި ދިޔަ ދުވަސްތައް ހިމަނަން ނުފެންނަ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އެ ސިޓީގައި އަމީރު ވަނީ، ޕާފޯމެންސް އެލަވަންސް ދިނުމުގެ ގަވައިދު ތަންފީޒު ކުރާނެ ގޮތް އެކުލަވާލުމުގެ އިތުރުން ވަޒީފާގެ ގޮތުން އެއްހަމަ މުވައްޒަފުންގެ މެދުގައި މުސާރައާއި އެލަވަންސް ދިނުމުގެ ހަމަހަމަ ކަން އިތުރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް ނެޝަނަލް ޕޭ ކޮމިޝަނުން މިހާރު ކުރިއަށް ގެންދާ ކަމަށްވެސް ވިދާޅުވެފައިއެވެ.

ހަމައެއާއެކު، ކޮވިޑު-19ގެ ބަލި މަޑުކަމުން އަރައިގަނެވުނު ނަމަވެސް ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ތަދުމަޑުކަމުން އަރައިގަތުމަށް ކުރަން ޖެހޭ މަސައްކަތްތައް އަބަދުވެސް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް