އަޚްލާގީގޮތުން ލިބުނު މަލާމާތަށްފަހު އިތުރު 500 މިލިއަން ޑޯޒު ވެކްސިން ހަދިޔާކުުރަން އެމެރިކާ ނިންމައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން ގްލޯބަލް ކޮވިޑް ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވަނީ

އދ. މަޖިލިސް (ސެޕްޓެމްބަރު 23) : ތަރައްގީވަމުން އަންނަ ގައުމުތަކާ އަދި އޭގެތެރެއިންވެސް ފަގީރު ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގައި މުއްސަނދި ގައުމުތަކުން އިހުމާލުވުމާއެކު އެކަމުގެ މަލާމާތް އެގައުމުތަކަށް ރައްދުވުމުން ކޮވިޑް ވެކްސިންގެ އިތުރު 500 މިލިއަން ޑޯޒް ތަރައްގީވަމުން އަންނަ ގައުމުތަކަށް ދިނުމަށް އެމެރިކާ ނިންމައިފިއެވެ.

ފަގީރުގައުމުތަކަށް ކޮވިޑް ވެކްސިން ނުލިބޭ މައްސަލަ ހައްލުކުރުމަށް އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމެއް (ގްލޯބަލް ކޮވިޑް ސަމިޓް) ގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކޮވިޑް ވެކްސިން ލިބުން ދަތިވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި އެމެރިކާއިން ފައިޒާ ވެކްސިންގެ އިތުރު 500 މިލިއަން ޑޯޒު، ޑަބްލިޔޫއެޗްއޯ ގެ ކޯވެކްސް ޕްރޮގްރާމުގެ ތެރެއިން ތަރައްގީވަމުން އަންނަ ގައުމުތަކަށް ދިނުމަށް ނިންމާފައިވާ ކަމުގައެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށްޓަކައި އެމެރިކާ މީގެކުރިންވެސްވަނީ ފައިޒާ ވެކްސިންގެ 500 މިލިޔަން ޑޯޒު ކޯވެކްސް ޕްރޮގްރާމަށް ދީފައެވެ. މިއާއެކު ކޯވެކްސް ޕްރޮގްރާމު މެދުވެރިކޮށް އެމެރިކާއިން ތަރައްގީވަމުން އަންނަ ގައުމުތަކަށް ދިނުމަށް ނިންމި ވެކްސިން ޑޯޒުތަކުގެ އަދަދުވަނީ އެއްބިލިޔަނަށް އަރާފައެވެ.

ކޮވިޑް ވެކްސިން އުފެއްދުމުގެ ގާބިލްކަން އެންމެ ބޮޑު އެއްގައުމަކީ އެމެރިކާއެވެ. އެމެރިކާއާއި ޔޫރަޕްގައި ހިމެނޭ މުއްސަނދި ގައުތަށް ކޮވިޑް ވެކްސިން ގެ މައްސަލާގައި އަމިއްލަ އެދުން އިސްކޮށް ފަގީރު ގައުމުތަކަށް އަޅާނުލާ މައްސަލާގައި އެގައުމުތަކުގެ މައްޗަށްވަނީ އަޚްލާގީ ގޮތުން ފެންވަރު ދަށްކަމާއި އަމިއްލަ އެދުން ބޮޑުކަމުގެ ތުހުމަތު ކުރެވިފައެވެ. މި ތުހުމަތު ކުރެވިފައިވަނީ ވެކްސިންގެ މައްސަލާގައި އެގައުމުތައް ކަންތައް ކުރިގޮތުންނެވެ.

މުއްސަނދި ގައުމުތަކުގެ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ފޯރުކޮށްދިނުމަށްފަހު ވެކްސިންގެ އެތަށް މިލިޔަން ޑޯޒުތަކަށް ރައްކާކުރި އިރުވެސް ފަގީރުގައުމުތަކަށް ވެކްސިން ފޯރުކޮށް ދިނުމަށް އެގައުތަކުން ހަނދާން ނައްތާލުމާ ގުޅިގެންނެވެ. މިއާއެކު އެމެރިކާއާއި ޔޫރަޕްގެ މުއްސަނދި ގައުމުތަކަށް ލިބިފައިވާ ވެކްސިން އުފެއްދުމުގެ ގާބިލްކަން ނަހަމަގޮތުގައި ބޭނުންކޮށް ކޮވިޑް ވެކްސިން މޮނޮޕޮލީކުރާ ކަމުގެ ތުހުމަތުވެސް އެގައުމުތަކުގެ މައްޗަށް ކުރެވުނެވެ.

މި އަޚްލާގީ ތުހުމަތުތަކާއެކު އެމެރިކާއިންވަނީ ކޮންމެވެސް ވަރަކަށް ސިޔާސަތު ބަދަލުކޮށް ފަގީރުގައުމުތަކަށް ކޮވިޑް ވެކްސިން ދިނުމަށް ކުރިޔަށްވުރެ ބޮޑަށް ސަމާލުކަންދީފައެވެ. މިގޮތުން މިހާތަނަށް އެމެރިކާ ވަނީ ދެފަހަރެއްގެ މަތިން ޖުމްލަ އެއްބިލިޔަން ޑޯޒު ޑަބްލިޔޫއެޗްއޯ މެދުވެރިކޮށް ފަގީރުގައުމުތަކަށް ދިނުމަށް ނިންމާފައެވެ. ނަމަވެސް ޖަރުމަނާއި ފަރަންސޭސިވިލާތުން މިފަދަ އިސްނެގުމެއް އަދި ފެނިފައެއް ނުވެއެވެ.

އިނގިރޭސިވިލާތުންވަނީ ޑަބްލިޔޫއެޗްއޯ މެދުވެރިކޮށް 300 މިލިޔަން ޑޯޒުގެ ކޮވިޑް ވެކްސިން ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ދޭނެކަމަށް ބުނެފައެވެ. އެމެރިކާގެ އިތުރުން މި ޕްރޮގްރާމަށް ރަޝިއާއާއި ޗައިނާ އާއި އިންޑިއާއިންވެސް ވަނީ ކޮވިޑް ވެކްސިން ހަދިޔާ ކޮށްފައެވެ. މީގެއިތުރުން ޗައިނާއާއި ރަޝިއާ އަދި އިންޑިއާ ގެންދަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކޯވެކްސް ޕްރޮގްރާމުގެ ބޭރުންވެސް ގިނަ އަދަދަކަށް ވެކްސިން ހަދިޔާ ކުރަމުންނެވެ.

ދުނިޔޭގެ އާބާދީގެ 70 ޕަސެންޓަށް ކޮވިޑް ވެކްސިން ދިނުމަށްޓަކައި މަދުވެގެން 11 ބިލިއަން ޑޯޒު ބޭނުންވާއިރު މީގެތެރެއިން ގާތްގަނޑަކަށް 4 ބިލިޔަން ޑޯޒު އަމިއްލައަށް ވެކްސިން ގަތުމުގެ ގާބިލްކަން ނެތް ފަގީރު ގައުމުތަކަށް ބޭނުންވާނެކަމަށް ޑަބްލިޔޫއެޗްއޯ އިން ލަފާކޮށްފައިވެއެވެ.

ވެކްސިން ގަތުމުގެ ގާބިލްކަން ނެތް ފަގީރު ގައުމުތައް އެންމެ ގިނައީ އެފްރިކާގެ ބައްރުގައެވެ. އެފްރިކާގެ ގިނަ ގައުމުތަކުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒުވެސް އާބާދީގެ 10 އިންސައްތައަށްވެސް ނުދެވޭ ކަމަށް ޑަބްލިޔޫއެޗްއޯ ގެ ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް